ކ. މާލެ
|
17 އޯގަސްޓް 2023 | ބުރާސްފަތި 07:46
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ
ރޮއިޓާރސް
މެންޗެސްތަރ ސިޓީ
އެއްބަސްވުން އައުކުރާނެ ކަމަށް ސިލްވާ ސިޓީ އަށް އަންގައިފި
 
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް އައު އެއްބަސްވުމުގައި ސޮއި ކުރާނެ

މެންޗެސްޓަރ ސިޓީ އިން ހުށަހަޅާފައިވާ ގޮތަށް އެއްބަސްވުން އައުކުރާނެ ކަމަށް ޕޯޗުގަލްގެ އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެ ކުލަބަށް އަންގައިފި އެވެ.

އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ ސިޓީއާއެކު މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހު އެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާގެ އިތުރުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ކުރަމުން ދަނިކޮށް، ސިޓީން ވަނީ ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހަޅައިފަ އެވެ. އަދި ސިލްވާ އަކީ ސިޓީން ދޫކޮށްލާނެ ކުޅުންތެރިޔެއް ނޫން ކަމަށް ވެސް ވަނީ އަންގައިފަ އެވެ.

ސިޓީގެ ހުށަހެޅުން ބެލުމަށްފަހު، އައު އެއްބަސްވުމުގައި ސޮއިކުރަން މިހާރު ސިލްވާ ނިންމާފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ. އޭނާގެ ނިންމުން މިހާރު ކުލަބަށް ވެސް އަންގާފައިވާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަސްމީކޮށް އައު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ސިޓީން ސިލްވާ އަށް ހުށަހަޅާފައި ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުލަބުގައި މަޑު ކުރުމަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

މޮނާކޯ ދޫކޮށް ސިލްވާ ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ސިޓީ އަށް ބަދަލުވެ މިހާތަނަށް އެ ކުލަބުގައި ހޭދަ ކުރި ހަ ސީޒަންގައި އޭނާ ވަނީ 308 މެޗު ކުޅެދީ 55 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު ސިލްވާ ވަނީ 15 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އުމުރުން 29 އަހަރުގެ ކުޅުންތެރިޔާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 82 މެޗު ކުޅެދީ 11 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް