ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 21:49
"މި ޖީލު މިއޮތީ އިސްތިޢުމާރީ ހިޞާރު ކުރުމާ ދެކޮޅަށް ތެދުވަން ފެންބޮވައިގެންފަ"
ފަލަސްތީން- އިސްރާއިލް
"މި ޖީލު މިއޮތީ އިސްތިޢުމާރީ ހިޞާރު ކުރުމާ ދެކޮޅަށް ތެދުވަން ފެންބޮވައިގެންފަ"
އީރާނުގެ މާލީ އެހީތެރިކަމާއެކު ހަރަކާތްތެރިވަމުންދާ ޕީއައިޖޭގެ ހަނގުރާމަވެރިންގެ ކިއްލާތައްވެސް ހަލާކު ކޮށްލާފައި ވާނެ ކަމަށް އިޒްރޭލުން ބުނޭ
ޕީއައިޖޭގެ މައިގަނޑު މައިދާނެއްގެ ގޮތުގައި ބޭނުން ކުރަނީ ތޮއްޖެހި، ފިތި ބާރުވެފައި އޮތް ރެފިއުޖީ ކޭމްޕެއް
ޕީއައިޖޭއަށް މާލީ އެހީ ފޯރުކޮށްދެނީ އީރާނުން ކަމީ، އެ ޖަމާޢަތުން ސިއްރު ކޮށްގެން އުޅޭ ކަމެއް ނޫން

ޕަލަސްޓީނިއަން އިސްލާމިކް ޖިހާދު (ޕީއައިޖޭ) ނުވަތަ ހަރަކަތުލް ޖިހާދު އަލް އިސްލާމީ ފީ ފިލަސްޠީން އަކީ، 1981 ވަނަ އަހަރު ވުޖޫދު ކުރި ނުރަސްމީ ހަނގުރާމަވެރި ބާރެކެވެ. ޕީއައިޖޭގެ މައްޗަށް އީރާނުގެ ވަރުގަދަ ނޫފުޒެއް އޮންނައިރު، އެ ޖަމާޢަތުގެ ހަރަކާތްތަކަށް ފަންޑު ކުރަނީވެސް އީރާނުން ކަމަށް ބުނެވެއެވެ. ދާދި މިދާކަށް ދުވަހު ފެނިގެން ދިޔަ އެއް މަންޒަރަކީ ޕީއައިޖޭގެ މެންބަރުން އުފާ ފާޅު ކުރަމުން ދިޔަ މަންޒަރެވެ. އެއީ ކައިރި މާޒީގައި ފާއިތުވެ މި ދިޔަ އަހަރުތަކުގައި، ޔަހޫދީ އިޒްރޭލުން ހުޅަނގު އައްސޭރީގައި ހިންގި ވަރުގަދަ އޮޕަރޭޝަންގައި ފަލަސްޠީނުގެ ރައްޔިތުން ހޯދި ނަޞްރުގެ ޝަރަފުގައި ކަމަށް ޕީއައިޖޭއިން ބުނެއެވެ.

އިޒްރޭލުގެ ކޮމާންޑަރުން ބުނާ ގޮތުގައި 2 ދުވަހުގެ މުއްދަތަށް، މިދިޔަ މަހު ޖެނީންގައި ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތުގައި ގިނަ ޢަދަދެއްގެ ހަތިޔާރު ވަނީ އަތުލައިގެންފައެވެ. އީރާނުގެ މާލީ އެހީތެރިކަމާއެކު ހަރަކާތްތެރިވަމުންދާ ޕީއައިޖޭގެ ހަނގުރާމަވެރިންގެ ކިއްލާތައްވެސް ހަލާކު ކޮށްލާފައި ވާނެ ކަމަށް އިޒްރޭލުން ބުނެއެވެ. ޕީއައިޖޭގެ މައިގަނޑު މައިދާނެއްގެ ގޮތުގައި ބޭނުން ކުރަނީ ތޮއްޖެހި، ފިތި ބާރުވެފައި އޮތް ރެފިއުޖީ ކޭމްޕެކެވެ. ބައި އަކަ ކިލޯމީޓަރުވެސް ހަމަ ނުވާ އެ ކޭމްޕުގައި، އެތައް ހާށް ބަޔަކު ދިރިއުޅެއެވެ.

ޕީއައިޖޭއަށް މާލީ އެހީ ފޯރުކޮށްދެނީ އީރާނުން ކަމީ، އެ ޖަމާޢަތުން ސިއްރު ކޮށްގެން އުޅޭ ކަމެއް ނޫނެވެ. ޕީއައިޖޭގެ މެންބަރުންނަށް މި ހަނގުރާމައަކީ ދޭސީ ހަނގުރާމައެކެވެ. ނަފުރަތުގެ ހުޅުގަނޑުގެ ދަރަކީ އިޒްރޭލުގެ އިސްތިޢުމާރީ އަޅުވެތިކަމެވެ. ޖިއޮގްރަފީ ގޮތުން އުފެސޭ ސިޔާސީ ހައިޖާންތަކުގެ މަޞްލަޙަތެއް އެކަމުގައި ނެތް ކަމަށް ބުނެއެވެ.

މި ޖީލު މިއޮތީ އިސްތިޢުމާރީ ހިޞާރު ކުރުމާ ދެކޮޅަށް ތެދުވަން ފެންބޮވައިގެންފަ. ހަމަ ކާބަފައިން ފަދައިން. މި ޖީލަށް ބޭނުންވަނީ ހަމައެކަނި ކޮންމެވެސް ވަރެއްގެ އެއްބާރުލުމެއް، ކޮންމެވެސް ވަރެއްގެ މާލީ އެހީތެރިކަމެއް، އިތުރު ކަމެއް ނޫން. ފަންޑު ލިބޭނަމަ، ދެން މި ޖީލު ތައްޔާރަށް އޮތީ ހިސާރުކުރުމާ ދެކޮޅަށް، ފިސާރި ގަދަ ބަދަވި ކަމާއެކީ ތެދުވަން.
އަލް ޤަސަމް ބްރިގޭޑްސްގެ ހަނގުރާމަވެރިއެއް

ޕީއައިޖޭއިން ބައިއަތު ހިފާފައި ވަނީ އިޒްރޭލުގެ ވަސް، މި ބިމުން ފޮހެލުމަށެވެ. އަދި އިސްލާމީ ދަޢުލަތެއް އެތަނުގައި ބިނާ ކުރުމަށެވެ.

އިންސާނާގެ ހަށިގަނޑުގައިވާ އެންމެ މުހިންމު ގުނަވަންތަކުގެ ތެރޭގައި ހިމެނޭ ކިޑްނީއެއްގެ ބައްޓަމަށް، 60 އަކަށް މޭލު ދިގަށް އަދި 50 ކިލޯމީޓަރު ފުޅާކޮށް އޮތް ހުޅަނގު އައްސޭރީގައި އެކި ކަހަލަ ކޯޅުންގަނޑުތައް ހިންގާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ. ހުޅަނގު އައްސޭރިއަކީ އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައި ވާ އިޒްރޭލާއި ފަލަސްޠީނުގެ ކޯޅުންގަނޑުގެ މައިދާނެވެ. އިޒްރޭލުން ހުޅަނގު އައްސޭރިއަށް ވެރިވެގަތީ 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހުގައެވެ.

2022 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން އިޒްރޭލާއި ފަލަސްޠީނާ ދެމެދު ބަދަލު ކުރާ ހަމަލާތައް ވަނީ އިތުރުވެފައެވެ. މި ހަމަލާ ބަދަލު ކުރުންތަކުގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ގިނައީ ހަނގުރާމަވެރިން ކަމަށް ހުޅަނގުގެ މީޑިއާއިން ރިޕޯޓް ކުރެއެވެ. ނަމަވެސް، އެންމެ ފަހުން އުތުރި އަރަން ފެށި ކޯޅުންގަނޑުގެ ތެރޭގައި މަރުވި އާންމު ރައްޔިތުންގެ ޢަދަދުވެސް ވަކި މަދެކޭ ނުދެންނެވޭނެއެވެ. ފަލަސްޠީނުން އަމާޒު ކުރި ހަމަލާތަކުގައި އިޒްރޭލުންވެސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގަ ތެދުވަން އަހަރަމެންނަށް ފަންޑު ލިބެނީ އީރާނުން. މީ އެންމެނަށްވެސް އެނގޭ ކަމެއް. ހުޅަނގު އައްސޭރި، ނުވަތަ ޖެނީން ނުވިތާކަށް އެހެން ތާކު ހިނގާ ކަންކަމާ އީރާނާ އެއްވެސް ގުޅުމެއް ނޯންނާނެ. އީރާނުން އަހަރަމެންގެ މައްޗަށް ލާޒިމު ކުރާ ކަމެއްވެސް ނޯންނާނެ، ހުޅަނގު އައްސޭރިގައި ކުރާ ހަނގުރާމަތަކާ ގުޅިގެންނެއް.
ޠާރިޤު ސިލްމީ؛ އިސްލާމިކް ޖިހާދުގެ ތަރުޖަމާނު

ހަނގުރާމަވެރި ޖަމާޢަތްތަކަށް އީރާނުން ފަންޑު ކުރާ ކަމަށް އިޒްރޭލުގެ އޮފިޝަލުން ތުހުމަތު ކުރަނީ އެތައް ސަބަބެއް، ހުއްޖަތަކަށް ހަދައިގެންނެވެ. އިޒްރޭލުން ބޭރުގައި ދިރިއުޅޭ ޔަހޫދީންނަށް ހަމަލާ ދިނުމާ، ހިޒްބުއްލާއަށް މާލީ އެހީ ދިނުމާއި، ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިއުމަކީ އީރާނުން ހިންގާ ކެމްޕޭންތަކެއް ކަމަށް އިޒްރޭލުން ތުހުމަތު ކުރެއެވެ.

ފަލަސްޠީނުގެ ގިނަ މީހުން ދެކޭ ގޮތުގައި އިޒްރޭލުގެ މި ދަޢުވާއަކީ، ހުޅަނގު އައްސޭރިއަށް އިޒްރޭލުން ވެރިވެގަނެގެން އުޅޭ އުޅުމާ ދުރަށް މީހުންގެ ސަމާލުކަން އަނބުރާލުމަށް ޖަހާ މަޅިއެކެވެ. ފަލަސްޠީނުގެ ރައްޔިތުންގެ އަތުން އަމިއްލަ ބިންތައް ފެރި، ޔަހޫދީން އާބާދު ކުރަމުންދާ ދިއުމަށް ދުނިޔޭގެ ލޯތައް ހުއްޓުނަ ނުދީ، އެހެން މިޞްރާބަކަށް ނަޒަރު ކަސިޔާރު ކުރުވުމަށް ހިންގާ ޖަރީމާއެކެވެ. ޔަހޫދީން އާބާދު ކުރުމަށް އިޒްރޭލުން ހިންގަނީ ޣައިރު ޤާނޫނީ ޖަރީމާއެއް ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އިއްތިފާޤުވެއެވެ. ވަކިން ޚާއްސަކޮށް، އިޒްރޭލުގެ ޚުދުމުޚުތާރު ބެންޖަމީން ނަތަންޔާހޫގެ ވާތު ފިޔައިގެ ސަރުކާރު އިންތިޚާބު ވި ފަހުންނެވެ.

ޖެނީންއަކީ އިޒްރޭލާ ދެކޮޅަށް ފަލަސްޠީނުން ފާޅުކުރަމުންދާ ވަރުގަދަ ޝިޢާރުގެ އަޑު އެންމެ ގަދަވެގެންދާ މަންޒިލެވެ. ޙަޤީޤަތަށް ބަލާއިރު ޖެނީން އޮންނަން ޖެހެނީ ޕަލަސްޓީނިއަން އޮތޯރިޓީގެ ކޮންޓްރޯލްގެ ދަށުގައެވެ. ނަމަވެސް، ޖެނީންގެ މައްޗަށް ހިނގާ ޤާނޫނެއް މިއަދު ނެތޭވެސް ދެންނެވިދާނެއެވެ. އިޒްރޭލުން ހިންގަމުންދާ ރެއިޑްތަކާ ދެކޮޅަށް މުޒާހަރާއެއް ނުވަތަ އިހުތިޖާޖެއް ކޮށްލުން ފިޔަވާ ކުރެވޭ މާ ބޮޑު ކަމެއްވެސް ނެތެވެ.

އިޒްރޭލުގެ އޮފިޝަލުން ތުހުމަތު ކުރާ ގޮތުގައި ޖެނީންގައި ދިރިއުޅޭ ޢާއިލާތަކުގެ 25 ޕަސެންޓަކީ ޕީއައިޖޭއާ ގުޅިފައި ވާ ބައެކެވެ. މާލީ އެހީގެ 90 ޕަސެންޓް އަންނަނީ އީރާނުން ކަމަށް ވާ އިރު، އެއީ އެތައް މިލިއަން ޑޮލަރެއް ކަމަށް އިޒްރޭލުގެ އޮފިޝަލަކު ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް