Advertisement
ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 19:01
މަތިވެރި ފެނުގެ ނިޒާމުގެ ހިދުމަތް ރައީސް ފަށްޓަވައިދެއްވަނީ
މަތިވެރި ފެނުގެ ނިޒާމުގެ ހިދުމަތް ރައީސް ފަށްޓަވައިދެއްވަނީ
ރައީސް އޮފީސް
މަތިވެރި ބޮޑުފޮޅުދޫގެ މަޝްރޫއު
ބޮޑުފޮޅުދޫ ފުޓްބޯޅަ ދަނޑާއި ވޮލީކޯޓް ހުޅުއްވައިދެއްވައި މަތިވެރީގައި ފެނުގެ ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި
މަތިވެރި ފެނުގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 38.82 މިލިއަން ދިވެހި ރުފިޔާ
ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޓާފްއަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އއ. ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑާއި ވޮލީކޯޓް ހުޅުއްވައިދެއްވައި އއ. މަތިވެރީގައި ފެނުގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ މިހާރު އަރިއަތޮޅު އުތުރުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ބޮޑުފޮޅުދޫ ފުޓްބޯޅަދަނޑަކީ ޓާފް އަޅައިގެން ތަރައްޤީކޮށްފައިވާ ދަނޑެކެވެ. ދަނޑުގެ ސަބްބޭސްގެ މަސައްކަތްކޮށްފައި ވަނީ އެލިއޮތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އަދި ޓާފް އެޅުމުގެ މަސައްކަތްކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އަދި އެރަށު ވޮލީކޯޓަކީ ވެސް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.

Advertisement

އއ. މަތިވެރީގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައެވެ. މީގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި  ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ވަނީ ފޯރުކޮށްދީފައެވެ.

އއ. މަތިވެރީގެ ފެނުގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 38.82 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން މަތިވެރީގެ ރައްޔިތުންނަށް ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް