Advertisement
ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 18:56
މާޅޮހުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ
މާޅޮހުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ރައީސް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
މާޅޮހުގެ ތަރައްގީ
މާޅޮހުގައި ރޯހައުސްއާއި، ޕިކްނިކް އައިލެންޑެއްގެ އިތުރުން ސިއްހީ މަރުކަޒު 24 ގަޑި އިރަށް ބަދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ސިއްހީ މަރުކަޒު ބޮޑުކޮށް 24 ގަޑި އިރަށް ބަދަލުކޮށް އިތުރު ހިދުމަތްތައް ދެވޭގޮތް ހަދާނަން
ރަށާ ކައިރިން ޕިކްނިކް ދެވޭނެ ތަނެއް ހޯދައިދޭނަން

ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ މާޅޮހުގައި ރޯހައުސް އަޅައި، ޕިކްނިކް އައިލެންޑެއް ހެދުމުގެ އިތުރުން ސިއްހީ މަރުކަޒު 24 ގަޑި އިރަށް ބަދަލު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް އއ. މާޅޮހަށް ވަޑައިގެން ރައީސް ވަނީ ދެވަނަ ދައުރެއްގައި އެރަށަށް ވައުދުތަކެއް ވެވަޑައިގަންނަވާފައެވެ. ރައީސް ވިދާޅުވީ އުފާވެރި ދިރިއުޅުމެއް ހޯދަން ބޭނުންވާނަމަ ކޮންމެހެން ލިބިދޭންޖެހޭ ހައްގުތަކާއި ވަސީލަތްތައް ފުރިހަމަވާން ޖެހޭ ކަމަށެވެ. މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ކުރެއްވީ އެ މަސައްކަތް ކަމަށާއި، ފެނާއި ނަރުދަމާ، ބަނދަރު، ސިއްހީ ހިދުމަތް، ތައުލީމް އަދި ކުޅިވަރާއި، ރައްޔިތަކު ދިރިއުޅުމަށް ބޭނުންވާނެ ހުރިހާކަމެއް ކުރަންޖެހިފައިވާ ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ބައެއް ފަހަރު ބައެއް މަސައްކަތްތައް ލަސްވެގެންދާ ކަމަށެވެ. އެއީ އެކަން ނުކުރާކަށް ދޫކޮށްލަނީކީ ނޫން ކަމަށާއި، ބައެއްފަހަރު އެކަން ހަވާލުކުރެވޭ ކުންފުނިން ވެސް ޒިންމާ ނުނަގާތީ އެކަންކަން ދިމާވެފައި އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ބޮޑުކަމަކަށް ސްކޫލުގެ މަސައްލަ ލަސްތަކެއް ނުވެ ހައްލު ހޯދައިދީ އިމާރާތުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. މާޅޮހަކީ ބަނދަރުގެ ދަތިކަން އޮތް ރަށެއް ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތަކާ އެކީގައި އެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ބަނދަރު ނިމޭއިރު ލޯކަލް ބީޗަކާއި ދޯނި އެހެލާނެތަކެއް ހަދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ރޯ ހައުސް އަޅައިދޭނަން. އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް އެކަމަށް ހާއްސަ ބޭންކެއް ހެދި ސޮފްޓް ލޯން ދޫކުރާނަން. މީގެ އިތުުރުން ޒަމާނީ ހުކުރު މިސްކިތެއް އަޅައިދޭނަން. ހޭންޑް ބޯލް އަދި ވޮލީ ކޯޓް ގާއިމްކުރާނަން. ސިއްހީ ހިދުމަތަކީ ބަދަލުކުރަން ޖެހިފައި އޮތް ދާއިރާއެއް. ސިއްހީ މަރުކަޒު ބޮޑުކޮށް 24 ގަޑި އިރަށް ބަދަލުކޮށް އިތުރު ހިދުމަތްތައް ދެވޭގޮތް ހަދާނަން. ސިޔާސަތުތައް ތަންފީޒުވެގެން ދާއިރު، ކޮންމެ ރަށެއްގެ ކައިރިން ޕިކްނިކް ދެވޭނެ ރަށެއް އެބަހަދަން. އެގޮތުން ރަށާ ކައިރިން ޕިކްނިކް ދެވޭނެ ތަނެއް ހޯދައިދޭނަން. ރައްޔިތުން އެދޭ ގޮތަށް ގެސްޓުންނަށް ހާއްސަކޮށް، ގޮނޑުދޮށް ހިމާޔަތްކުރެވޭ އިރު ހަދައިދޭނަން. އިތުރު އައިސްޕްލާންޓެއް ބަހައްޓައިދޭނަން. މިއީ ކުރިއަށް އޮތް ދައުރުގައި މާޅޮހަށް ކޮށްދޭން މިހާތަނަށް ވައުދުވެފައިވާ ކަންކަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ސެޕްޓެމްބަރު 9 ގައި މާޅޮހު ރައްޔިތުންގެ ނިންމުމާއެކީގައި މިކަންތައްތައް ހަލުވިކަމާއެކު ފަށައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. މާޅޮހުގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި، ކުރިއެކޭ އެއްގޮތަށް މާޅޮހުގެ ރައްޔިތުން ތިބޭނީ އެމްޑީޕީއާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމްޑީޕީން ބަޔަކު ދުރަށް ޖެހިލިޔަސް މާޅޮހުން ރީނދޫ ކުލަ ފޮހެވިގެން ނުދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް