ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސަމާހުގެ ފަރާތުން އޭނަގެ ވަކީލު ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ. އެގޮތުން 4 ނުކުތާއެއް ހުށައަޅުއްވާފައިވާއިރު، އޭގެ ތެރެއިން އެއް ނުކުތާއަށް ދައުލަތުން އެ ދުވަހު ޖަވާބު ދީފައިވެއެވެ.
ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ބާކީ ހުރި ނުކުތާތަކަށް ޖަވާބު ދިނުމެވެ.
ސަމާހުގެ ވަކީލު ވިދާޅުވީ، 31 ޖުލައި 2012 ވަނަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ސަމާހު ދެއްކި ވާހަކަތަކަކީ އޭނާ އިއުތިރާފުވުންކަމަށް ޝަރީއަތުން ނިންމާފައިވާކަމަށެވެ.
އެހެންނަމަވެސް، އެ ދުވަހުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ދެއްކެވި ވާހަކައިގައި، ސަމާހުގެ މައްޗަށް ކުރާ ދައުވާގެ ޤާނޫނީ އަސާސެއް ވިދާޅުވެދެއްވާފައި ނުވާކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުން އެ ކުށަށް ދޭ އަދަބާ ގުޅޭގޮތުން ފުރަތަމަ ފަހަރަށްވެސް ވާހަކަ ދެއްކެވީ އެ އަހަރުގެ ނޮވެމްބަރު މަހު ކުރިއަށްދިޔަ އަޑުއެހުމުގައި ކަމަށާއި، އޭރު ސަމާހު އިއުތިރާފުވިކަމަށް ޝަރީއަތުންވެސް އޮތީ ނިންމާފައިކަމަށްވެސް އޭނާގެ ވަކީލު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދައުލަތުން އަދަބާ ގުޅޭ ވާހަކަ ދައްކާފައިނުވުމަކީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފަކަށް ނުވާނެ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން އިސްލާމީ ޝަރީއަތުގައި ޤަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ، ވާރިސުން މަރަން ބޭނުންވުމުން ކަނޑައެޅޭނެ އަދަބަކީ މަރުގެ އަދަބު ކަމަށާއި، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ސަމާހުއަށް މި ކުށުގެ އަދަބަކީ ކޮބައިކަން އެނގޭކަން އެނގެން އޮންނަކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ދަށު ކޯޓުގައި ސަމާހު ދައްކާފައިވާ ވާހަކަތަކާއި ދައުވާއަށް ޖަވާބުދާރީވަމުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ އޭނާ ކުރި ކަމެއްކަމަށް އިއުތިރާފުވެ، އެކަން ހިނގާ ދިޔަ ގޮތްވެސް އޭނާ ޝަރީއަތުގައި ކިޔާދީފައިވާ ކަމަށެވެ. އެގޮތުން މަސްތުގެ ޙާލަތުގައި ހުރުމުން ޙަމަލާ ދެވުނީ ކަމަށާއި، ޙަމަލާ ދެވުނުކަން އެނގޭކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އޭނާ ބުނެފައިވާ ގޮތުގައި އޭނާ އާދަމް ހަލީމް މަރާލީ ގަސްތުގައެއް ނޫނެވެ. އޭނާ ވަޅި ހިފައިގެން ނުކުތީ އާދަމް ހަލީމަށް ބިރު ދައްކާލުމަށް ކަމަށާއި، ނަމަވެސް މަރާލެވުނީ މަސްތުގެ ޙާލަތުގައި ހުރުމުންކަމަށް އޭނާ ބުނެއެވެ.
އެހެންނަމަވެސް، މި ޙާލަތުގައި އޭނާ އިއުތިރާފުވެފައި އެވަނީ ގަސްދު މަރަކަށްކަމަށް ދައުލަތުން ދެކެއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، ސަމާހުގެ ފަރާތުން ކުށުގެ އަމަލަށް އިޤުރާރުވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ސްޓޭޓްމަންޓު ވަޒަންކުރާއިރު، އެއީ ފުރިހަމަ އިއުތިރާފެއް ހިމެނޭ ސްޓޭޓްމަންޓެއްކަމަށް ދައުލަތުން ދެކެއެވެ.
ދައުލަތުން ވަނީ ހަތަރު ނުކުތާއަށްވެސް ޖަވާބުދީފައެވެ. އަދި ކްރިމިނަލް ކޯޓާއި ހައިކޯޓުން ކަނޑައަޅާފައިވާ ޙުކުމް ދަމަހައްޓައިދެއްވުމަށްވެސް ދައުލަތުން އެދިފައިވެއެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.