ދެ ކޮރެއާގެ މަޝްރަހު ފިނިކުރުމަށް އުތުރު ކޮރެއާއާ މަޝްވަރާ ކުރުމަށް ދެކުނު ކޮރެއާ އިން ހުށަހަޅައިފިއެެވެ.
އުތުރު ކޮރެއާ އިން ދިގު ރާސްތާގެ މިސައިލެއް ޓެސްޓް ކުރުމާ ގުޅިގެން ދެކޮރެއާ މައްސަލަ ހަލަބޮލިވެފައިވާ އިރު މަޝްވަރާތައް ބޭއްވިއްޖެ ނަމަ މި މަޝްވަރާތައް ވެގެން ދާނީ 2015 ގެ ފަހުން ބޭއްވޭ ހައި-ލެވެލް މިފަދަ ފުރަތަމަ މަޝްވަރާއަށެވެ. ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އުތުރު ކޮރެއާއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ކަމަށް މާ ކުރީއްސުރެ ކުރިން ވަނީ ވިދާޅުވެފައެވެ.
ދެކުނު ކޮރެއާގެ ވައިސް ޑިފެންސް މިނިސްޓަރ ސަ ޗޫ-ސަކް ވިދާޅުވެފައި ވަނީ ދެކޮރެއާގެ މަޝްވަރާތައް ބާއްވަން ހުށަހަޅަނީ 21 ޖުލައިގައި ކަމަށެވެ. އަދި "ޕޮޒިޓިވް ޖަވާބަކަށް އުތުރު ކޮރެއާގެ ފަރާތުން އުންމީދު" ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުތުރު ކޮރެއާ އިން ދެކުނު ކޮރެއާގެ ހުށަހެޅުމަކަށް ޖަވާބެއް ނުދެއެެެވެ.
ދާދި ފަހުން ޖަރުމަނުގެ ބާލިންގައި ދެކުނު ކޮރެއާގެ ރައީސް ޖެއި-އިން ވިދާޅުވެފައި ވަނީ އުތުރު ކޮރެއާއާ މަޝްވަރާ ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ސުލްހައިގެ އެއްބަސްވުމެއްގައި ދެގައުމުން ސޮޔެ ކުރުމަށް ވެސް ގޮވާލެއްވިއެވެ.
އުތުރު ކޮރެއާ އިން ދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތަކާއި އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އެކަމުގެ ސަބަބުން ދެކޮރެއާ ސަރަހައްދު ވަނީ ހަލަބޮލިވެފައެވެ. އަދި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވެސް ވަނީ ވަރަށް ގޯސްވެފައެވެ. އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތަކާ އަދި ނިއުކްލިއާ ހަތިޔާރު ފައްކާ ކުރުމުގެ ޕްރޮގްރާމްތަކާ ގުޅިގެން އދ. އިން ދާދިފަހުން ވަނީ އުުތުރު ކޮރެއާއާ ދެކޮޅަށް އާ ދަތިކުުރުމުގެ ފިޔަވަޅުތަކެއްް ވެސް އަޅާފައެވެ.