ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 07:29
މެޗުގަައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ
މެޗުގަައި ލަނޑު ޖެހުމަށްފަހު މެސީ އުފާ ފާޅުކުރަނީ
ރޮއިޓާރސް
އިންޓަ މިއާމީ
އިންޓަ މިއާމީ ފައިނަލަށް، މެސީ އަށް ހުއްޓުމެއް ނެތް
ސެމީ ފައިނަލް މެޗު އިންޓަ މިއާމީން ކާމިޔާބު ކުރީ 4-1 އިން، މިއީ މެސީ އެ ޓީމަށް ޖެހި ނުވަ ވަނަ ލަނޑު

ފިލަޑެލްފިއާ ބަލިކޮށް، އެމެރިކާ ލީގްސް ކަޕްގެ ފައިނަލުން އިންޓަ މިއާމީ ޖާގަ ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ފަތިހު ކުޅުނު ސެމީ ފައިނަލް މެޗު އިންޓަ މިއާމީން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް އިންޓަ މިއާމީން ވަނީ ތިން ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޖޯސެފް މާޓިނޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އިންޓަ މިއާމީ އަށް ލީޑު ފުޅާކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. އެއީ ފިލަޑެލްފިއާގެ ގޯލާ 30 ޔާޑު ދުރުން މެސީ ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް މިއާމީ އަށް ބަދަލުވި މެސީ އެ ކުލަބަށް ކުޅެދިން ހަ ވަނަ މެޗެވެ. ހަ މެޗުގައި ވެސް އޭނާ ލަނޑު ޖަހާފައިވާއިރު، މިހާތަނަށް މެސީ ވަނީ މިއާމީގައި ނުވަ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މިއާމީގެ ތިން ވަނަ ލަނޑު ޑިފެންޑަރު ޖޯޑީ އަލްބާ ޖެހީ އިތުރު ވަގުތުގަ އެވެ. މިއީ ބާސެލޯނާ ދޫކޮށް މިއާމީ އަށް ބަދަލުވި ޖޯޑީ އަލްބާ އެ ކުލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މިހާތަނަށް އޭނާ ވަނީ އެ ކުލަބަށް ތިން މެޗެއް ކުޅެދީފަ އެވެ. ދެ ވަނަ ހާފުގައި ފިލަޑެލްފިއާ އިން ވަނީ ލަނޑެއް ޖަހައިފަ އެވެ. އެއީ 73 ވަނަ މިނެޓުގައި އަލެހާންޑްރޯ ބެޑޯޔާ ޖަހައިދިން ލަނޑެކެވެ. މެޗުގައި މިއާމީގެ ހަތަރު ވަނަ ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ޑޭވިޑް ރުއިޒް އެވެ.

ލީގްސް ކަޕްގެ ފައިނަލުން ޖާގަ ހޯދުމާއެކު، މިއާމީ އަށް ވަނީ އަންނަ އަހަރު އޮންނަ ކޮންކާކަފް ޗެމްޕިއަންސް ކަޕުން ވެސް ޖާގަ ލިބިފަ އެވެ.

- ކޮމެންޓް