ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އައި ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް ސޮއިކޮށްފި އެވެ.
އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އަލް ހިލާލަށް ސޮއިކޮށްފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ކުލަބުގައި މަޑު ކުރާނެ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް، އިތުރު އެއް އަހަރަށް އެއްބަސްވުން އައުކުރުމުގެ މާއްދާ ފަހުން ވަނީ އުނިކޮށްފަ އެވެ. އެއީ އެ މާއްދާ އުނިކުރުމަށް ނޭމާގެ ފަރާތުން ބޭނުންވުމުންނެވެ. އެހެންކަމުން، ދެ އަހަރު ފަހުން ނޭމާ އެ ކުލަބު ދޫކޮށް އެހެން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ. ޕީއެސްޖީ އާއެކު ނޭމާ ސޮއިކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަލް ހިލާލުން މުސާރައިގެ ގޮތުގައި ނޭމާ އަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ އަދަދެއް ދޭނެ އެވެ. ނަމަވެސް އިތުރު އެހެން އިނާޔަތްތަކާއެކު އެ އަދަދު 400 މިލިއަން ޑޮލަރަށް އެރުން ގާތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ ކުލަބުގައި ވެސް ނޭމާ ބޭނުންކުރާނީ 10 ނަންބަރު ޖާޒީ އެވެ.
ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުން އައި ނޭމާ 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވީ ދުނިޔޭގެ ރެކޯޑު އަގަކަށެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް އެ ކުލަބުގައި އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ. އެ ކުލަބަށް ބަދަލުވި ފަހުން ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގެ ފެބްރުވަރީ މަހު ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ ސާޖަރީއެއް ކުރަން ޖެހުނުއިރު، ސީޒަންގެ ބާކީބައި އެއްކޮށް ވަނީ ގެއްލިފަ އެވެ. އެ ފަހަރު ނޭމާ ވަނީ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ކޮށްފަ އެވެ.
ޕީއެސްޖީ އަށް ބަދަލުވެ ނޭމާ ވަނީ އެ ކުލަބަށް ކުޅެދިން 173 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ނޭމާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާތީވެ، މި ސީޒަނުގެ ފްރާންސް ލީގުގައި ޕީއެސްޖީން ކުޅުނު މެޗަށް އޭނާ ޓީމުގައި ހިމަނައިފައެއް ނުވެ އެވެ. ޕީއެސްޖީގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ސްޕެއިންގެ ލުއިސް އެންރީކޭގެ ޕްލޭންގައި ވެސް ނޭމާ ނުހިމެނެ އެވެ. ނަމަވެސް އެންރީކޭ އަކީ ބާސެލޯނާގައި ނޭމާ އަށް އިރުޝާދު ދީފައިވާ ކޯޗެކެވެ.