ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އޮތީ ރަނގަޅު ފެންވަރުގެ ކީޕަރަކު ނެތި ވަރަށް ބޮޑަށް ކަންތައްތައް ބޮޑުވެފަ އެވެ. މިކަން ހައްލު ކުރުމަށް އެކުލަބުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ހައްލެއްނުލިބި ބަޔާން ކަންބޮޑުވެއްޖެ އެވެ.
ބަޔާންއިން ކީޕަރަކު ހޯދުމަށް ކުރި މަސައްކަތުގައި ޗެލްސީގެ ސްޕޭން ކީޕަރު ކެޕާ އަރިޒަބަލަގާ ވަނީ ރެއާލް މެޑްރިޑަށް ކުޅެން ނިންމައިފަ އެވެ. އޭނާ ބަޔާންއަށް ނޫނެކޭ ބުނީ އެކުލަބާއެކު އެއްބަސްވުމަކަށް ވެސް އައުމަށްފަހު އެވެ. ބަޔާނުން ހޯދަން މަސައްކަތް ކުރި އަނެއް ކީޕަރަކީ އަޔެކްސް އަށް ކުޅެމުން އަންނަ ގެރެނީމޯ ރުއްލީ އެވެ. އޭނާ އަށް ބަޔާން އަށް ކުޅެން އޭދެވޭގޮތް ނުވީ ހާނިއްކަވުމުގެ ސަބަބުންނެވެ.
މިހެންވެ ބަޔާންގެ މިހާރުގެ އަމާޒަކީ މެންޗެސްޓާ ޔުނައިޓެޑުން ދޫކޮށްލި ކީޕަރު ސްޕޭނުގެ ޑޭވިޑް ޑެހެޔާ އެވެ. އޭނާ މިވަގުތު ހުރީ ކުޅޭނެ ކުލަބެއް ނެތި އެވެ. އެކަމަކު ސައޫދީ ލީގުން އޭނާ އަށް ގިނަ ފުރުސަތުތަކެއް އެބަހުއްޓެވެ.
ބަޔާން މިހާރު ބޭނުންވަނީ ޑެހެޔާ ލަސްނުކޮށް ގޮތެއް ނިންމުމަށެވެ. ސަބަބަކީ އޭނާ ފަދަ ތަޖުރިބާކާރު ކީޕަރަކު އަވަހަށް ގޮތެއް ނިންމުމަކީ އެހެން ކީޕަރަކު ހޯދަން ޖެހިއްޖެނަމަ އެކަމަށް ވަގުތު އޮއްވައި ފުރުސަތު ލިބޭނެ ކަމަކަށްވާތީއެވެ.
ބަޔާންއަށް ކީޕަރެއްގެ މައްސަލަ ދިމާވީ އެއްވަނަ ކީޕަރު އަދި ކެޕްޓަން މެނުއަލް ނޯޔާ އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންން ޖެހުމެވެ. ބަޔާންއަށް ކުޅެން ދާން ކީޕަރުން ޖެހިލުންވާ ސަބަބަކީ ވެސް ނޯޔާ އެވެ. ސަބަބަކީ އޭނާ ފިޓްވެއްޖެނަމަ އެހެން ކީޕަރަކަށް ފުރަތަމަ 11 ޔަގީންނުވާތީ އެވެ. އެއީ ނޯޔާ އަކީ ބަޔާންގައި ނުފޫޒުގަދަ ކުޅުންތެރިއަކަށްވުމުންނެވެ.