އަށާރަވަނަ އިންޓަނޭޝަނަލް އިންޑިއަން ފިލްމު ފެއާ އެވޯޑް (އައިފާ އެވޯޑް)ގެ ރަންވަނަތައް އިއުލާން ކޮށްފައިވާއިރު ގިނަ އެވޯޑްތައް ލިބިފައި ވަނީ ހިންދީ ފިލްމު "އުޅްތާ ޕަންޖާބް" އަށެވެ. މިއަހަރުގެ މި ހަފްލާގައި ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ބައިވެރި ވެފައެވެ.
އެގޮތުން އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސް އަށް ހޮވަފައި ވަނީ ވެސް "އުޅްތާ ޕަންޖާބު" އިން އާލިއާ ބަޓް އާއި ޝާހިދު ކަޕޫރެވެ. "އުޅްތާ ޕަންޖާބް" އަށް ވަނީ ހަތަރު އެވޯޑް ލިބިފައެވެ. އަހަރުގެ ސްޓައިލް އައިކަން އަކީ ވެސް އާލިއާ ބަޓްއެވެ.
ދެވަނައަށް އެންމެ ގިނަ އެވޯޑް ލިބިފައިވަނީ " ނީރްޖާ" އަދި "އޭ ދިލް ހޭ މުޝްކިލް" އަށެވެ. މި ދެފިލްމަށް ވަނީ ތިން އެވޯޑް ލިބިފައެވެ. އަހަރުގެ އެންމެ މޮޅު ފިލްމް ލިބިފައި ވަނީ "ނީރްޖާ" އަށެވެ. އަދި އެންމެ މޮޅު މިއުޒިކް އަކީ "އޭ ދިލްހޭ މުޝްކިލްހޭ" ގެ ލަވަ އިން މިއުޒީޝަން ޕްރީތަމްއެވެ. އެންމެ މޮޅު ޑައިރެކްޓަރގެ އެވޯޑު ހާސިލް ކޮށްފައިވަނީ "ޕިންކް" ގެ ޑައިރެކްޓަރ އަނިރުއްދާ ރޯއި ޗޯދަރީއެވެ. އެންމެ މޮޅު ލިރިކްސްއަކީ "ޗަންނާ މޭރެޔާ" އެވެ. އެ އެވޯޑް ގެންދިޔައީ ފިލްމު "އޭ ދިލްހޭ މުޝްކިލް" ގެ ލިރިކްސް ތައްޔާރު ކޮށްދިން އަމީތާބު ބައްޓަޗާރިޔާ އެވެ.
އެމެރިކާގެ ނިއުޔޯކްގެ މެޓްލައިފް ސްޓޭޑިއަމްގައި ކުރިއަށްދިޔަ އައިފާ އެވޯޑް ހަފްލާގައި ވަނީ 40,000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ. މި އަހަރުގެ ކުލަގަދަ ހަފްލާ ހުށައަޅައިދިނީ ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީޚާނާއި، މަޝްހޫރު ޕްރޮޑިއުސަރ ކަރަން ޖޯހަރެވެ.
މިއަހަރު އެހެނިހެން އެވޯޑް ތަކަށް ބަލައިލާއިރު:
- އެންމެ މޮޅު ސަޕޯޓިން އެކްޓަރ: އަނޫޕަމް ކޭރ ( އެމް އެސް ދޯނީ: ދި އަން ޓޯލްޑް ސްޓޯރީ )
- އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް: ޝަބާނާ އަޒްމީ ( ނީރްޖާ )
- ހެއްވާ ބައިން އެންމެ މޮޅު އެކްޓަރ: ވަރުން ދަވަން ( ޑިޝޫމް )
- އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓަރ : ދިލްޖިީތު ޑޮސަންޖު (އުޅްތާ ޕަންޖާބް )
- އަލަށް ތައާރަފްވި އެންމެ މޮޅު އެކްޓްރެސް: ދީޝާ ޕަޓާނީ (އެމް އެސް ދޯނީ: ދި އަން ޓޯލްޑް ސްޓޯރީ)
- ނުބައިބައި ރޯލުން އެންމެމޮޅު އެކްޓަރ : ޖިމް ސަރްބް ( ނީރްޖާ )
- އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގަރ: ކަނިކާ ކަޕޫރު (އުޅުތާ ޕަންޖާބް)
- އެންމެ މޮޅު ޕްލޭބެކް ސިންގަރ ފިރިހެން : އަމިތު މިޝްރާ ( އޭ ދިލް ހޭ މުޝްކިލް )