މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރަށް ޙަމަލާދިން މައްސަލައިގައި ހައްޔަރުކުރި ކ.މާލެ/ މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި އިތުރު ދެމީހަކު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދައުލަތާ އެއްކޮޅަށް އެ މައްސަލަ ނިމިއްޖެއެވެ.
އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އާއި މި މައްސަލައިގައި ހައްޔަރުކުރި އިތުރު ދެ މީހަކު ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކަމަށް ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޙުކުމް ކުރައްވާފައެވެ.
އަދި 7 ދުވަސްތެރޭގައި ފުލުހުންގެ ފަރާތުން ނުވަތަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ތަހުގީގު މަރުޙަލާއާއި ޝަރީއަތުގެ މަރުޙަލާ ނިމެންދެން އެމީހުން ބަންދުގައި ބޭތިއްބުމަށް އެދި ކޯޓަށް ހުށައަޅައިފިނަމަ ހައިކޯޓުގެ ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުން އެ 3 މީހުން ބަންދު ކުރުމާމެދު އަލުން ގޮތް ނިންމުމަށް އަންގައި ހައިކޯޓުން ވަނީ ޙުކުމްކޮށްފައެވެ.
ފުލުހުންގެ ފަރާތުން ބުނެފައިވަނީ، މެންބަރު ޒަރީރާ ފުރަތަމަ ފަހަރު ސުވާލު ކުރިއިރު، ޙަމަލާދިނީ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) ކަން އޭނާ އައިޑެންޓިފައި ކޮށްދީފައިވާ ކަމަށެވެ.
އެހެންނަމަވެސް، ފަހުން އެކަން ކަށަވަރު ނުވާކަމަށް ވިދާޅުވެ ބަޔާން ބަދަލުކުރެއްވި ކަމަށް ފުލުހުން ބުނެއެވެ.
އެގޮތަށް ބަޔާން ބަދަލު ކުރެއްވީ ބިރުވެރިކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާތީކަމަށް މެންބަރު ޒަރީރު ވަނީ ފުލުހުން ގާތުގައި ވިދާޅުވެފައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މެންބަރު ޒަރީރަށް ހަމަލާ ދީފައިވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުންކޮށްގެނެވެ. އަދި އޭނާއަށް ހަމަލާ ދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.