ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 07:53
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ
ރޮއިޓާރސް
އަލް ހިލާލް
އަލް ހިލާލްގެ ބޮޑު ހުށަހެޅުމެއް ނޭމާ އަށް
 
ނޭމާގެ ފަރާތުން އަންނަނީ އަލް ހިލާލްގެ ހުށަހެޅުމުގައި ހުރި ކަންކަން ބަލަމުން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ހޯދުމަށް، ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ބޮޑު ހުށަހެޅުމެއް ހުށަހަޅައިފި އެވެ.

ޕީއެސްޖީގެ އައު ކޯޗު ސްޕެއިންގެ ލުއިސް އެންރީކޭގެ ޕްލޭންގައި ނޭމާ އަކީ ނުހިމެނޭ ކުޅުންތެރިޔެކެވެ. އެހެންކަމުން ޕީއެސްޖީ ދޫކޮށް، ނޭމާ އޭނާގެ ކުރީގެ ކުލަބު ބާސެލޯނާ އަށް ބަދަލުވާން އުޅޭ ކަމުގެ އަޑުތަކެއް ވެސް ދަނީ ފެތުރެމުންނެވެ. އެ ވާހަކަތައް ފެތުރެމުން ދަނިކޮށް، ނޭމާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް އަލް ހިލާލުން ވަނީ ރަސްމީ ހުށަހެޅުމެއް ފޮނުވާފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އެހެންކަމުން މިހާރު ނޭމާގެ ފަރާތުން އަންނަނީ އެ ހުށަހެޅުމުގެ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން ކަމަށާއި، ހުށަހެޅުމާއި ގުޅޭ ގޮތުން އެ ފަރާތުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވެސް މީޑިއާތަކުން ވަނީ ބުނެފަ އެވެ. އެހެންކަމުން އަލް ހިލާލަށް ބަދަލުވުމާ މެދު ގޮތެއް ނިންމުން މިހާރު އޮތީ ނޭމާގެ އަތް މަތީގަ އެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ނޭމާ، އެންމެ ފަހުން އެ ކުލަބާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް އެ ކުލަބުގައި އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ. ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގެ ފެބްރުވަރީ މަހު ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ އަށް ސާޖަރީއެއް ކުރަން ޖެހުނުއިރު، ސީޒަންގެ ބާކީބައި އެއްކޮށް ވަނީ ގެއްލިފަ އެވެ. އެ ފަހަރު ނޭމާ ވަނީ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ކޮށްފަ އެވެ.

ޕީއެސްޖީ އަށް ބަދަލުވެ ނޭމާ ވަނީ އެ ކުލަބަށް މިހާތަނަށް ކުޅެދިން 173 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް