ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 06:10
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު
އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް
މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ޚިދުމަތްތައް ޑީސެންޓްރަލައިޒް ކުރުން މުހިންމު - އިމާދު
އޭނާ ވިދާޅުވީ މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދެމުން އައީ ވަރަށް ބޮޑަށް ސެންޓްރަލައިޒްޑް ނިޒާމެއްގެ ތެރެއިންކަމަށް
ކާމިޔާބުވާނީ ކޮމިއުނިޓީ ބޭސްޑް ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ކުރެވިގެން ކަމަށް އިމާދު ވަނީ ވިދާޅުވެފަ
މީގެ އިތުރުން މުޖުތަމައުގެ އެއްބާރުލުން ނުލިބުމުން ރިލެޕްސްވާ މީހުން ވެސް ތިބި ކަމަށް އޭނާ ވަނީ ވިދާޅުވެފަ

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުކުރުމަށް ޚިދުމަތްތައް ޑީސެންޓްރަލައިޒްކުރުން މުހިންމުކަމަށް އެންޑީއޭގެ ސީއީއޯ އިމާދު ޞާލިހު ވިދާޅުވެއްޖެއެވެ.

އިމާދު މިފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަަކަދައްކަަވަމުންނެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދެމުން އައީ ވަރަށް ބޮޑަށް ސެންޓްރަލައިޒްޑް ނިޒާމެއްގެ ތެރެއިންކަމަށެވެ. އަތޮޅުތެރެއިން ދަތެރުކޮށްފައި މާލެ އައިސްގެން ނޫންގޮތަކަށް ފަރުވާ ލިބެން އޭރު ނެތް ކަމަށް އިމާދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާ ކަަމަށް އިމާދު ވިދާޅުވިއެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވޭނީ އެ މައްސަލަ އާއި މެދު ދެކޭ ގޮތް ބަދަލުކޮށް، ކޮމިއުނިޓީ ބޭސްޑް ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ކުރެވިގެން ކަމަށް އިމާދު ވަނީ ވިދާޅުވެފައެވެ. އިމާދު ވިދާޅުވީ ގިނަ އަދަދެއްގެ ކްލައިންޓުން އެއްތަނަކަށް ޖަމާކުރުމުގެ ބަދަލުގައި ކުދިކުދި ސެންޓަރުތައް ގިނަ ސަރަހައްދުތަކުގައި ޤާއިމްކޮށް ފަރުވާ ލިބުން ފަސޭހަކުރުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އެގޮތުން އައްޑޫ އާއި ފުވައްމުލައް ހިމެނޭހެން އަތޮޅު ތެރޭގެ އިތުރު ބައެއް ސަރަހައްދުތަކުގައި މަސްތުވާކަތެތި ބޭނުންކުރުމަށް ފަރުވާ ހޯދޭނެ ނިޒާމް ޤާއިމްކުރުމަށް މަސައްކަތްކުރައްވާ ކަަމަށް އިމާދު ވަނީ ވިދާޅުވެފައެވެ.

އިމާދު ވިދާޅުވީ މިހާރު ކުޅުދުއްފުށީގައި އެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަަމަށެވެ. މީގެ އިތުރުން މުޖުތަމަޢުގެ އެއްބާރުލުން ނުލިބުމުން ރިލެޕްސްވާ މީހުން ވެސް ތިބި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މަސްތުވާތަކެތީގެ މައްސަލަ އާއި މެދު އަޅާނުލާ ދޫކޮށްލައިފި ނަމަ ވަރަށް ނާޒުކު ހާލަތަކަށް ކަންކަން ހިނގައިދާނެ ކަަމަށް އިމާދު ވިދާޅުވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރުން ވެސް ފުޅާވެފައިވާ ކަމަށާއި، މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެ ކަން ފަށާ އެވްރެޖް އުމުރު ވަރަށް ބޮޑަށް ދަށްކަން ފާހަގުރެވޭ ކަަމަށް އިމާދު ވިދާޅުވިއެވެ. އަދި މުޖުތަމައުގެ ދައުރު އަދާކޮށް އެފަދަ ކުށްތަކުން މީހުން ދުރުކުރުމަށް ޕޮޒިޓިވް ވިސްނުމެއްގައި މަސައްކަތްކުރަން ޖެހޭ ކަަމަށް އިމާދު ވިދާޅުވިއެވެ.

- ކޮމެންޓް