Advertisement
ކ. މާލެ
|
13 އޯގަސްޓް 2023 | އާދީއްތަ 05:45
މަނަދޫ ދާއިރާގެ މެމްބަރ އަހުމަދު ހާރޫން
މަނަދޫ ދާއިރާގެ މެމްބަރ އަހުމަދު ހާރޫން
ރާއްޖެއެމްވީ
އުފާވެރި އަމާން ރާއްޖެ މަނަދޫ ޖަލްސާ
މިސަރުކާރުން ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން: ހާރޫނު
މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަނަދޫގައި ފެށި ހަ މަޝްރޫޢެއްގެ ނިމުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން ފާހަގަކުރެވިގެންދާނެ
2018 ވަނަ އަހަރު ރައްޔިތުން އެދުނު ކަންކަމާއި މިއަދު އެދޭކަންކަން ތަފާތުކަމަށް ހާރޫން ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުން ވީ ވައުދުތައް ރަނުން ރަނަށް ފުދެމުން އަންނަތަން ފެންނަމުންދާކަމަށާއި ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކޮންމެސް ކަމަކާ ނުރުހުންވެގެން އެކަމުގެ ސަބަބުންކަމަށް މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނ.މަނަދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ހާރޫން ވިދާޅުވީ ކަންކަން ނުކޮށްދޭކަމަށް ބުނަނީ ކަންކަން ނުކޮށްދޭތީ ނޫންކަމަށެވެ. ހަމައެކަނި މަނަދޫ އަށް ބަލާލިނަމަވެސް މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަނަދޫގައި ފެށި ހަ މަޝްރޫޢެއްގެ ނިމުން ރައީސްގެ ދަތުރުފުޅުގެ ތެރެއިން ފާހަގަކުރެވިގެންދާނެކަމަށް ހާރޫނު ވިދާޅުވިއެވެ.

Advertisement

ހާރޫނު ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިޚާބުގައި ރައްޔިތުން ކައިރިއަށް ދިޔުމުން އޭރު ރައްޔިތުން އެދުނީ ނަރުދަމާ އަޅައިދީ ފެން އަޅައިދިނުމަށްކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުން ކައިރިއަށް ދިޔުމުން އެދޭ ކަންތައްތައް ބަދަލުވެފައިވާކަމަށެވެ.

އެކަމަކު މިފަހަރު ދިޔައީމާ ވިދާޅުވަނީ މުޅިން އެހެން ވާހަކައެއް. ވިދާޅުވަނީ ޕިކްނިކް އައިލެންޑެއްގެ ވާހަކަ. ދެން ވިދާޅުވަނީ މިއޮށް ރަށާއި މިރަށާއި ގުޅުވާލަދޭން ބްރިޖުގެ ވާހަކަ. ރައްޔިތުންގެ ވިސްނުން ބަދަލުވެއްޖެ. ވިސްނުން ތަރައްގީވެއްޖެ. މިވާނުވާ އެނގެން ފަށައިފި. އެދުވަހު އެދުނު ކަންކަން ހާސިލުވާން ފަށައިފި. އަބަދުވެސް މިދަނީ އެދުވަހު ތިބި ވަރަށްވުރެ ކުރިއަށް ވިސްނުން އަރަމުން. މުޅި ރާއްޖަށް ބަލާއިރު ނ އަތޮޅަށް ނޫނީ މިރަށަށް ބަލާއިރު އިޖުތިމާއީ ގޮތުންނާއި އގްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ބެލިއަސް ކުރިއެރުންތަކެއް ލިބިއްޖެ.
މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު

ހާރޫނު ވިދާޅުވީ މަނަދޫގައި މަލްޓިޕާޕަސް ހޯލެއް އަޅާވާހަކަ ދައްކަނީ 2013 ވަނަ އަހަރުން ފެށިގެންކަމަށާއި ރައީސްގެ ދަތުރުފުޅުގެ ތެރެއިން މިސަރުކާރުން އެމަސައްކަތްކޮށް ނިންމާ އެތަން ހުޅުވާނެކަމަށެވެ.

މީގެއިތުރުން ހާރޫނު ވިދާޅުވީ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ފެނިގެންދިޔައީ ކުރީގެ ރައީސް މައުމޫންގެ އެއްފަސްކުރުމުގެ ސިޔާސަތުކަމަށެވެ. އެސިޔާސަތުގެ ދަށުން ކުދި އާބާދީތައް ބޮޑެތި ރަށްރަށަށްދާން މަޖުބޫރުކުރުވިއިރު އެރަށްރަށުގައި އެންމެ އަސާސީ ޚިދުމަތްތައްވެސް ގާއިމުކުރެވިފައިނުވާކަމަށެވެ. އޭގެފަހުން އައި އެމްޑީޕީގެ ސަރުކާރުގައި ކޮންމެސް ވަރަކަށް ރަށްރަށަށް އަޅާލާ ރަށުބަންދުން ވީއްލުމުގެ މަސައްކަތްފެށުނު ކަމަށެވެ. ނަމަވެސް އޭގެފަހުން އައި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފެނިގެންދިޔައީ މަރުކަޒުކުރުމުގެ ވިސްނުންކަމަށާއި މާލެ ސަރަހައްދަށް އާބާދީގެ ބޮޑުބަޔެއް ޖަމާކޮށް ރަށްރަށް ފަޅުކުރުމުގެ ސިޔާސަތު ކަމަށެވެ.

ނަމަވެސް ރައީސް ޞާލިހުގެ ސިޔާސަތަކަށްވީ ޖަޒީރާ ރާއްޖެކަމަށް ހާރޫނު ވިދާޅުވިއެވެ.

އެދުވަހު ޖަޒީރާ ރާއްޖެއެކޭ ވިދާޅުވީމާ އެދުވަހު އިދިކޮޅު ފަރާތްތަކުން ވިދާޅުވީ އަނެއްކާވެސް ހަނޑަސްބުރި ހޯދަންވީއޭ. އަޅުގަނޑު ހަމަ ސުވާލު ކޮށްލަން މިއަދު ހަނޑަސްބުރިތޯ މިހޯދުނީ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން ނިމެމުން ދަނީ. ލަސްތަކެއްނުވެ ހުރިހާ ރަށެއްގައި އެމަސައްކަތް ނިމިގެންދާނެ. އެއީ އެދުވަހު ރައީސްގެ ސިޔާސަތު ޖަޒީރާ ރާއްޖެ ސިޔާސަތުގެ ސަބަބުން.
މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނު

ހާރޫން ވިދާޅުވީ ރައީސް ޞާލިހުގެ ސިޔާސަތުތައް ރައްޔިތުންނަށް އެނގި އެކަން ތަޖުރިބާ ކުރެވިފައިވާކަމަށެވެ. ނަމަވެސް ދެން ތިބި ކެންޑިޑޭޓުން ރައްޔިތުންނަށްޓަކައި ކޮށްދޭނެކަމެއްގެ ވާހަކަ ނުދައްކަވާ ކަމަށް ހާރޫން ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް