Advertisement
ކ. މާލެ
|
12 އޯގަސްޓް 2023 | ހޮނިހިރު 22:56
ނ. މަނަދޫގައި އޮތް ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ނ. މަނަދޫގައި އޮތް ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
ބައެއް ވާދަވެރިން ޒާތީ ވާހަކަ ދައްކާ، އެމީހުންގެ ވާހަކަ ދެ އިރު ދެ ދަޅައަށް ބަދަލުވޭ: ރައީސް
ރައްޔިތުން ގޮތެއް ނިންމުމުން، އެގޮތަށް ކުރިއަށްދާން ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެނގެންވާނެ

ވާދަވެރިންގެ ތެރެއިން ބައެއް މީހުން ޒާތީ ވާހަކަތައް ދައްކާކަމަށާއި އެމީހުން ވާހަކަތައް ދެ އިރު ދެ ދަޅައަށް ބަދަލުވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫގައި ހޮނިހިރު ދުވަހުގެ ރޭ އޮތް އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ގޮތެއް ނިންމުމުން އެގޮތަށް ކުރިއަށްދާން ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އެނގެންވާނެ ކަމަށެވެ. އަދި އެކަމާ ހުރިހާ ސިޔާސީ ލީޑަރުން ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކުރިއަތް އޮތް ދައުރުގެ ސިޔާސަތުތައް ހާމަކުރައްވަމުން ދާއިރު، ރައީސްގެ ސިޔާސަތުތަކާ ގާތްކުރާ ސިޔާސަތުތައް އެއްވެސް ކެންޑިޑޭޓަކު ނުގެންގުޅުއްވާ ކަމަށެވެ.

ބައެއް ބޭފުޅުން، އެ ބޭފުޅެއްގެ ވެރިކަމެއްގައި އެސްއެމްއީ ލޯނު ރަހުނެއް ނެތި ދޫކުރާނެކަމަށް ރަށްތަކަށް ގޮސް ވިދާޅުވާކަމަށާއި، މިހާރުވެސް މި ސަރުކާރުން ލޯނުދޫކުރަނީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން އިސްކަން ދެނީ ވަކިވަކި ފަރުދުންނަށް ކަމަށެވެ. އަދި ރަށްތަކުގައި ތަރައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހިންގަނީ އާބާދީ ބޮޑުވެގެން، ނޫނީ އެ ރަށް ސިޓީއަކަށްވުމުން ނޫން ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ ގައުމު ކުރިނާރައި އޮތީ އެފަދަ ސިޔާސަތުތަކެއް އެބޭފުޅުން ގެންގުޅުއްވުމުން ކަމަށެވެ. އެ ބޭފުޅުންގެ ވެރިކަމެއްގައި އޮންނާނީ ގަދަ ބާރުން ވެރިކަން ކުރެއްވުމާއި ނާމާންކަމާއި އަނިޔާވެރި ސިޔާސަތުތައް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މިއަދު މިއީ ހަމަނޭވާ ލާންވީ ދުވަސް ކަމަށެވެ. މިއަދު ތިބީ ތަހުޒީބު ޑިމޮކްރަސީއެއްގައި ކަމަށާއި، ތަންތަނުގައި ހުޅުޖަހައި، ކުލަޖަހައި، މުދަލަށް ގެއްލުންދިނުމުގެ ޒަމާން މާޒީވެ ހިނގައްޖެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އިންތިޚާބަކަށް ކުރިމަތިލާއިރު އެމްޑީޕީން ގެންގުޅޭ އުސޫލަކީ މެނިފެސްޓޯއެއް އެކުލަވާލުން ކަމަށް ރައީސް ވިދާޅުވިއެވެ. މަނަދޫގައި މިހާރު ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ އިތުރުން، ރަށުގެ ހުރިހާ މަގުތައް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ މަސްވެރިންނަށް ފަސޭހައިން އައިސްލިބޭނެ އިންތިޒާމު ހަމަޖައްސަވައި، ޒުވާނުންނަށާއި ކުޑަކުދިންނަށް ސްކޭޓް ޕާކެއް ގާއިމުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ބަނދަރު ހަދައި ނިމޭއިރު، ދެކުނު ފަރާތުގައި ޖެޓީއެއްގެ އިތުރުން، ދަތުރު ދެވޭނެ ރަށެއް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް