ދިވެހިން ބޭނުންވަނީ މިއަދު މިއޮތް ސިޔާސީ ހަމަޖެހުމާއި ތަރައްގީއާއެކު ކުރިއަށްދާން ކަމަށާއި އެކަން ކުރެވޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކަމަށް، އަދާލަތު ޕާޓީގެ ނައިބު ރައީސް މުހައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.
ނ. މަނަދޫގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިއާދު ވިދާޅުވީ، ރައްޔިތުން ވަރަށް ގިނަ ވެރިކަން ދެކެފައި ވާކަމަށާއި، ތާރީޚުން ފިލާވަޅު ދަސްކުރަން ޖެހޭކަމަށެވެ. އެގޮތުން، ޕީޕީއެމްގެ ވެރިކަމަކީ މިހާތަނަށް އެންމެ އަނިޔާވެރި ވެރިކަން ކަމަށާއި، އެ ޕާޓީއާ ދިވެހި ދައުލަތް ހަވާލުކޮށްފިނަމަ ދާން ޖެހޭނީ އެ ކަޅު އަނދިރި ދުވަސްތަކުގެ ތެރެއަށް ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނައިރު، ޕީޕީއެމްއާއި އެމްޑީޕީގެ ސަރުކާރު އަޅައިކިޔާލަން ޖެހޭކަން ފާހަގަކުރައްވައި އިއާދު ވިދާޅުވީ، އަތޮޅު ތެރޭގެ ރަށްތަށް ޕީޕީއެމް ސަރުކާރުގައި ބާކީކުރި ކަމަށް އެ ރަށްތަކުގެ ރައްޔިތުން ބުނާ ކަމަށެވެ. އެކަން ހާމަކުރާ ހެތްކަކީ ފަސް އަހަރުގެ ދައުރެއް ނިމުނުއިރު ރާއްޖޭގެ 70 އިންސައްތަ ރަށަށް ފެނާއި ނަރުދަމާ ފޯރުކޮށްނުދެވުން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިއާދު ވިދާޅުވީ ޕީޕީއެމް ސަރުކާރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ލޯނުގެގޮތުގައި 186 މިލިއަން ރުފިޔާ ދެވުނުއިރު، މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ރުފިޔާގެ ލުއި ލޯނު ދީފައިވާކަމަށެވެ. އަދި ޕީޕީއެމް ސަރުކާރަށް 135 ކްލާސްރޫމް ގާއިމު ކުރެވުނުއިރު މި ސަރުކާރުން 1500އަށްވުރެ ގިނަ ކްލާސްރޫމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށާއި، މަގު ހެދުމަށް ކުރީ ސަރުކާރުން 0.3 ބިލިއަން ރުފިޔާ ހޭދަކުރިއިރު މި ސަރުކާރުން 2.2 ބިލިއަން ރުފިޔާ، އަދި ބިން ހިއްކުމަށް ކުރީ ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު މި ސަރުކާރުން 4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި ވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން މިއަދު ޕީޕީއެމާއި އެހެން އެއްވެސް ބަޔަކަށް ވެސް ތަރައްގީގެ ވާހަކަދެއްކޭކަށް ނެތްކަން އިއާދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިއަދު ބައެއް ކެންޑިޑޭޓުން ހަނދާއި ތަރިތައް ބާލައިދޭން ވައުދުވަމުން އަންނަ ކަމަށާއި، ނަމަވެސް ވޯޓުލާއިރު ވައުދު ފުއްދުމުގެ ޓްރެކް ރެކޯޑު އޮތީ ކޮން ކެންޑިޑޭޓެއްގެ އަތުގައިތޯ ބަލަންޖެހޭ ކަމަށްވެސް އިއާދު ވިދާޅުވިއެވެ. އެ ރެކޯޑު އޮތީ ރައީސް ސާލިހުގެ އަތްޕުޅުގައި ކަމަށާއި، އެ ސަބަބާހުރެ މިއަހަރުގެ އިންތިޚާބުގައި ރައްޔިތުން ނުކުމެ އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.