ހުކުރު ދުވަހު ހެނދުނު އަގްސާ މިސްކިތުގައި ދިން ހަމަލާއާ ގުޅިގެން މިސްކިތް އިޒްރޭލު ފުލުހުން ބަންދުކުރުމަށް ފަހު އާދީއްތަ ދުވަހު އަލުން ހުޅުވައިފިއެވެ.
އިޒްރޭލުން އަލުން މިސްކިތް ހުޅުވިއިރު ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މިސްކިތުގެ ހަރިންމަ ފެންނާނޭހެން ގިނަ އަދަދެއްގެ ސީސީޓީވީ ކެމެރާ އާއި މެޓަލް ޑިޓެކްޓާ ހަރުކޮށްފައި ވެއެވެ.
އަގްސާ މިސްކިތް ބަންދު ކުރީ ހުކުރު ދުވަހު ހެނދުނު މިސްކިތައް ވަންނަން އޮންނަ ސަރަހައްދެއްގެ ބޭރުގައި ދިން ބަޑީގެ ހަމަލާތަކާ ގުޅިގެންނެވެ. އިޒްރޭލް ސިފައިން މިސްކިތް ބަންދުކޮށް ހުކުރު ނަމާދަށް ވެސް މިސްކިތް ނުހުޅުވުމުން އެ ދުވަހު ހުކުރު ނަމާދު ކުރަން ޖެހުނީ މަގުމަތީގަ އެވެ.
ހުކުރު ދުވަހު ބަންދުކުރި އަގްސާ މިސްކިތް އާދީއްތަ ދުވަހު ހުޅުވާލުމުން ވަރަށް ގިނަ މީހުން ނަމާދަށް ދިޔަ ކަމަށް ރިޕޯޓުތައް ބުނާއިރު އިޒްރޭލު ސިފައިންނާ ކުރިމަތިލީ ފަލަސްތީނުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހުކުރު ދުވަހު ހަތިޔާރު އެޅި ފަލަސްތީނުގެ ތިން މީހުން ވެގެން އިޒްރޭލު ދެ ފުލުހުން މަރާލުމާ ގުޅިގެން އަގްސާ މިސްކިތް ބަންދުކުރިއިރު ފަލަސްތިނުގެ ދީނީ އަދި ސިޔާސީ އިސް ފަރާތްތައް ވަނީ އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.