ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހުވަދު އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނާ ދެކޮޅަށް ބައެއް ރަށްރަށުން މުޒާހަރާކުރި ނަމަވެސް، ގއ. ދާންދޫން ފެނިގެން ދިޔައީ ހިތްފަސޭހަ މަންޒަރެއް ކަމަށާއި، އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފުގެ ނަމޫނާ އެހެން ހުރިހާ ކައުންސިލަރުން ލިބިގަންނަންޖެހޭ ކަމަށް، އަދާލަތުޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހުވަދު އަތޮޅަށް ރައީސް ކުރެއްވި ދަތުރުގެ ފަހު މަންޒިލު ކަމުގައިވާ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިމްރާން ވިދާޅުވީ، ދާންދުއަށް ވަޑައިގެންނެވުނީ ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއްގައި ކަމަށެވެ. ބޯ ވާރެއާއެކު ވެސް ރައްޔިތު ކުދި ބޮޑު އެންމެން ނިކުމެ ތިބީ ރައީސާ ބައްދަލުކުރުމަށް ކަމަށާއި، ފެނިގެންދިޔައީ ރައްޔިތަކު ރައީސާ ބައްދަލުކުރުމަށް ހުރި ޝައުގާއި ލޯބިކަމަށް އިމްރާން ވިދާޅުވިއެވެ.
ދާންދޫ ރައްޔިތުންގެ ކިބައިން ކުރެވުނު އިހުސާސަކީ ރައްޔިތަކު ރައީސާ ބައްދަލުކުރުމަށް ހުރި ޝައުގާ ލޯތްބާ އިހުތިރާމުގެ ބޮޑުކަން. ހުރިހާ އެންމެންގެ ކިބައިން ފެނުނީ ރައްޔިތަކު ރައީސަށް ޝައުގުވެރިވާ މިންވަރު.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރު
މީގެއިތުރުން ރައީސަށް މަރުހަބާ ދެންނެވުމަށް ރައްޔިތުންނާއެކު އެންމެ ކުރީގައި ހުންނެވީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލްގެ ރައީސް އާސިފު ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި އެ ރަށުން އެހެން ރަށްރަށުގައި ރައީސާ ދެކޮޅަށް އަޑު އުފުލާގޮތަށް އެކަން ކޮށްފައި ނުވާކަންވެސް އިމްރާން ފާހަގަކުރެއްވިއެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ނުކުންނަވާ، ރައްޔިތުންނާއެކު ވާރޭން ތެމިގެން އެންމެ ކުރީގައި ހުންނަވާ ރައީސަށް މަރުހަބާ ދެންނެވި. މި ރަށްރަށުން ފެންނަ އެއްވެސް ހަރަކާތެއް އެއްވެސް މަންޒަރެއް ދާންދޫ ތެރޭން ނުފެންނަ ގޮތަށް މުޅި ރަށުގެ އިންތިޒާމުތައް ހަމަޖެއްސެވި.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރު
އެފަދަ "ހިތްފަސޭހަ މަންޒަރެއް" ފެނިގެން ދިޔުމުން، އާސިފް އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ހުރީތޯ ސުވާލުކުރެއްވި ކަމަށާއި، ނަމަވެސް އާސިފު ވިދާޅުވީ ރައީސަށް މަރުހަބާ ދަންނަވަން ނުކުތީ ފަހަރެއްގައިވެސް އެމްޑީޕީއާ ގުޅުމުގެ ޝައުގެއްގައި ނޫންކަމަށެވެ.
އާދެ މުހައްމަދު އާސިފަކީ ކައުންސިލަރުންނަށް ނަމޫނާއެއް. ހުރިހާ ކައުންސިލަރުން މި ނަމޫނާގަ ހިއްޕަވާ. ސިޔާސީ މަސައްކަތް ކުރެއްވޭނީ މިގޮތަށް ވިސްނުން ހުރެގެން. ރައީސަކަށް މަރުހަބާ ދަންނަވާނުލެވުނީމަ ކީއްކުރާ ކައުންސިލެއްތޯ؟އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރު
އިމްރާން ވިދާޅުވީ ގައުމުގެ ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވިނަމަވެސް، އަދި އެ ރައީސަކާ ސިޔާސީ ފިކުރު އެއްގޮތް ނުވިނަމަވެސް، ކައުންސިލްތަކުން ރައީސަށް މަރުހަބާ ދަންނަވަން ނުކުތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ތަކުރާރުކޮށް ރައީސް އެބަ ވިދާޅުވޭ ސިޔާސީ ފިކުރު ތަފާތުވުމަކީ މިރާއްޖޭގެ ތަރައްގީއަށް ހުރަސްއެޅޭ ކަމަކަށް ތިމަންމަނިކުފާނު ނުހައްދަވާނެމޭ. އެ ރައީސަށް މަރުހަބާ ނުދަންނަވާ ކައުންސިކަށް ގައުމު ތަރައްގީއެއް، ރަށް ތަރައްގީއެއް ނުކުރެވޭނެ.އިމްރާން އަބްދުﷲ/ ހޯމް މިނިސްޓަރު
އިމްރާން ވިދާޅުވީ މިސަރުކާރުން ހުރިހާ ކެންޑިޑޭޓުންނަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭނެކަމަށެވެ.