ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 11:21
ޔޫތު މިނިސްޓްރީން، ޔޫތު ކޭމްޕާ ގުޅޭގޮތުން "ފަސްކާފު" ޕްރޮގްރާމުގައި މައުލޫމާތު ހިއްސާ ކުރަނީ
ޔޫތު މިނިސްޓްރީން، ޔޫތު ކޭމްޕާ ގުޅޭގޮތުން "ފަސްކާފު" ޕްރޮގްރާމުގައި މައުލޫމާތު ހިއްސާ ކުރަނީ
ރާއްޖެއެމްވީ
ޔޫތު މިނިސްޓްރީ
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޫތު ކޭމްޕެއް ބާއްވަނީ
މި ކޭމްޕަކީ 14 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޭމްޕެއް
ކޭމްޕް ކުރިއަށްދާނީ ފަރުކޮޅުފުށީގައި

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ޒުވާނުންގެ ދުވަހާ ގުޅުވައިގެން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ޔޫތު ކޭމްޕެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

އަރބަންކޯއާ ގުޅިގެން ޔޫތު މިނިސްޓްރީން ބާއްވާ މި ކޭމްޕް ކުރިއަށްދާނީ ހޮނިހިރު ދުވަހު ފަރުކޮޅުފުށީގައެވެ. މި ކޭމްޕަކީ 14 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކޭމްޕެކެވެ.

ޔޫތު މިނިސްޓްރީން މި ކޭމްޕުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލިއެވެ. އެ ފުރުސަތުގައި ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ޔޫތު ކޭމްޕުގައި ބައިވެރިވާނީ އެ ފުރުސަތުގައި ރަޖިސްޓްރީކުރި ޒުވާނުން ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މި ކޭމްޕުގައި ލައިފް ސްކިލްސް އާއި ޓީމް ބިލްޑިންގ އާއި ލީޑަރޝިޕްގެ ދާއިރާއިން ތަފާތު ހަރަކާތްތަކާއެކު ސެޝަންތައް ކުރިއަށްގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ. އަދި ޒުވާނުން ޝައުގުވެރިވާ ގޮތަށް އޮބްސްޓެކަލް ކޯސް ފަދަ ހަރަކާތްތައް ވެސް މި ސެޝަންތަކުގެ ތެރެއިން ކުރިއަށްދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ގްރީން ސްކީލްސް ފޯރ ޔޫތު: ޓުވަރޑްސް އަ ސަސްޓެއިނަބަލް ވޯލްޑް" އެވެ. އެހެންވެ، ޔޫތު ކޭމްޕް ވެސް ބާއްވަނީ މި ތީމާ އެއްގޮތަށެވެ. މި ކޭމްޕުގެ ބައިވެރިންނަށް ގަސް އިންދުމުގެ ހަރަކާތެއް ވެސް ކުރިއަށްގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

ޔޫތު ކޭމްޕުގެ އިތުރުން މި މަހުގެ 15 ވަނަ ދުވަހު ހޮޅުވަށީގެ ނަމުގައި ހާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންދިއުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ހަރަކާތުގައި އެކި ދާއިރާތަކުން ތަޖުރިބާ ހުރި ބޭފުޅުން ސެޝަންތައް ނަގައިދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ،

ޔޫތު މިނިސްޓްރީން ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ މައުލޫމާތު އެ މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން އާއްމުކުރަމުންދާނެ ކަން ފާހަގަކޮށް އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ހުރިހާ ޒުވާނުންނަށް ދައުވަތު ދެއެވެ.

- ކޮމެންޓް