ކ. މާލެ
|
11 އޯގަސްޓް 2023 | ހުކުރު 09:08
މީރާ
މީރާ
ޔޫސުފް ސޮފްވާން ރަޝީދު
ޖުލައި މަހު މިރާއަށް ލިބުނު އާމްދަނީ
ޖުލައި މަހު މީރާއިން 3.53 ބިލިއަން ރުފިޔާ ބަލައިގަނެފި
ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5 އިންސައްތަ ވަނީ އިތުރުވެފައި
ޖުލައި 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުން
ޖުލައި މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ

ޖުލައި 2023 ގައި 3.53 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 32.5 އިންސައްތަ އިތުރު އަދަދެއް ކަމަށާއި، ޖުލައި 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 10.6 އިންސައްތަ ގިނަ އަދަދެއް ކަމަށެވެ.

މީރާއިން ބުނީ ޖުލައި 2022 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2023 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީ.އެސް.ޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. މީގެ ސަބަބަކީ، 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ ޓުރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީޚު ޖުލައި 2023 އަށް ފަސްވެފައިވާތީކަމަށް މީރާއިން ބުނެއެވެ.

މީގެ އިތުރުން، ޖޫން 2022 އާއި އަޅައި ބަލާއިރު، ޖޫން 2023 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5 އިންސައްތަ އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން ބުނެއެވެ.

ޖުލައި 2023 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ، ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުންކަމަށް މީރާއިން ބުނެއެވެ. މީގެ އިތުރުން މީރާއިން ބުނީ 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުހަޅައި ފައިސާދެއްކުމުގެ ސުންގަޑި 2023 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައިވުމާއެކު، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށެވެ.

ޖުލައި 2023 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 52.28 އިންސައްތަ ނުވަތަ 1.85 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީންނެވެ. އެއީ 34.41 އިންސައްތަ ނުވަތަ 1.22 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 155.68 މިލިއަން ރުފިޔާ (4.41 އިންސައްތަ)، ގްރީން ޓެކްސްގެ ގޮތުގައި 91.02 މިލިއަން ރުފިޔާ (2.58 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 61.92 މިލިއަން ރުފިޔާ (1.75 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 161.41 މިލިއަން ރުފިޔާ (4.57 އިންސައްތަ) ލިބިފައިވެއެވެ.

ޖުލައި 2023 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

- ކޮމެންޓް