އެމީހަކު ތާއީދުކުރާ މީހަކީ ވަގަކަށް ވުމުން ދެން ތިބޭ އެންމެން ވަގުންނަށްވާން ނުޖެހޭ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް މުހައްމަދު އަސްލަމުގެ ބަހުގެ ހޫނު ހަމަލާތަކެއް އިދިކޮޅު ފަރާތްތަކަށް އަމާޒުކުރައްވައިފިއެވެ.
ގއ ވިލިގިނލީގައި ކުރިޔަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަސްލަމް ވިދާޅުވީ ވަގުން ހިފާނެގޮތް ނިޒާމުގައި ބަޔާންކޮށްފައިވާކަމަށެވެ. ވައްކަން މީހަކުކުރުމުން އެކަން ހުށަހަޅާނެ އިދާރާތައް އެބަހުރިކަމަށާއި މައްސަލަ ބެލޭނެ ގޮތާއި މައްސަލަ ބެލުމަށްފަހު ޝަރީޢަތަށް ފޮނުވޭނެ ގޮތްވެސް އެބައޮތް ކަމަށެވެ.
ޝަރީއަތުން އެއީ ވަގެއްކަމަށް ސާބިތުވުމުން ޖަލުގައި ބަންދުކުރާކަމަށާއި އެހިސާބުން އެއީ ވަގެކޭ ބުނެވިދާނެކަމަށެވެ.
ޝަރީއަތަށް ދިޔުމަށްފަހު ހުކުމެއް ޖަހާ ޖަލުގައި ބަންދުކުރަނީ. ޖަލުގައި ބަންދުކުރީމާ އެއީ ވައްކަން ކަމުގައިވަނީނަމަ އެއީ ވަގެކޭ ބުނެވިދާނެ. އެހެންވީމާ ވަގުންނަށް އެނގެން އެބަޖެހޭ ވަގުންނަކީ ކޮބައިކަން. ތިމަންނަމެން ތާއީދުކުރާ މީހާ ވަގަކަށް ވީމާ ދެން ތިބި އެންމެން ވަގަކަށް ވާކަށް ނުޖެހޭ. އަޅުގަނޑުމެން ބޭނުމެއްނުވޭ އެއްވެސް ދިވެހި ރައްޔިތަކު ވަގަކަށް ވާކަށް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރައްޔިތުންނަކީ ފުދިގެން ތިބި ބަޔަކަށްވާން. އެއީ އުފާވެރިކަމާއެކު ހަމަޖެހިގެން ތިބި ބަޔަކަށް ވާން. އެއީ މިނިވަން ބަޔަކަށްވާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މެނިފެސްޓޯއިން އެކަން ގާއިމުކޮށްދޭނަން.މުހައްމަދު އަސްލަމް/ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް
އަސްލަމް ވިދާޅުވީ ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ތާއީދުކުރައްވާކަމަށާއި ނަމަވެސް ސިޔާސީ ޕްލެޓް ފޯމުތަކުގައި ދޮގު ފެތުރުމާއި ފިތުނަ އުފެއްދުމާއި މީހުންގެ އަބުރު ކަތިލުމަށް ތާއީދުނުކުރައްވާކަމަށެވެ. ދޮގު ފެތުރުމަކީ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ހަރަކާތް ހިންގުން ނޫންކަމަށާއި ކަނޑައެޅިގެން ހަގީގަތާއި ޚިލާފު ދޮގުވާހަކަ ފަތުރާ އަބުރު ކަތިލުމަކީ ސިޔާސީ ހަރަކާތެއް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއެއްގެވެސް މެނިފެސްޓޯ އެންމެންނަށް ބެލުމުގެ ފުރުސަތު އޮންނަންވާނެކަމަށާއި އެކަން ހުރިހާ ރައްޔިތުންވެސް ކުރަންވާނެކަމަށެވެ. ނަމަވެސް ވާދަވެރިންގެ މާބޮޑު މެނިފެސްޓޯއެއް އޮތްތަން ދެކެވަޑައިނުގަންނަވާކަމަށް އަސްލަމް ވިދާޅުވިއެވެ.
އެއް ބޭފުޅަކު ވިދާޅުވަނީ މިތައް މިލިޔަނަރުން އުފައްދާނަމޭ. ސުވާލަކީ މިދިޔަ 50 އަހަރުގެ ތެރޭގައި ކިތައް ލައްކަޔަރުންތޯ އުފެއްދުނީ ވަޒީފާ އަދާކުރި މުވައްޒަފުންގެ ތެރެއިންވެސް. އަޅުގަނޑަށް ހީވަނީ މިލިޔަނަރުން ވެސް އުފެއްދޭނީ އަދި ފުދުންތެރި ރައްޔިތެއް އުފެއްދޭނީ ސަރުކާރުގެ އޮތް ރިސޯސް ދައުލަތަށް ލިބޭ އާމްދަނީ ވީހާވެސް ހަމަހަމަކަމާއެކު ރައްޔިތުންނަށް ބަހާލެވޭނެ އިންތިޒާމެއް ގާއިމުކުރެވިގެން. އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ވަރުގަދަ ނެޓް ވޯކެއް އޮވެން އެކަންކަން ކުރެވޭނީ. އެކަންކަން އަޅުގަނޑުމެންގެ މެނިފެސްޓޯގައި ބަޔާންވެފައިއެވަނީ.މުހައްމަދު އަސްލަމް/ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގމޭޓް
އަސްލަމް ވިދާޅުވީ މިސަރުކާރުން 135 ރަށުގައި އައު އިންޖީނުގެ އަޅާ 141 ރަށުގައި ނަރުދަމާ ގާއިމުކޮށްދީފިކަމަށެވެ. އާބާދީގެ ބޮޑުބަޔަކަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދީފިކަމަށާއި މިސަރުކާރަކީ ޓެސްޓްކޮށްފައިވާ ސަރުކާރެއްކަމަށް އަސްލަމް ވިދާޅުވިއެވެ.