ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ންހުޅުވާލައިފިއެވެ.
އިންތިޚާބުތަކާބެހޭ އާންމު ޤަވާއިދު ގެ 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ރިޔާސީ އިންތިޙާގައި ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު، ލިބިދެއެވެ.
އީސީން ބުނީ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އޮގަސްޓު 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ން ފެށިގެން، އޮގަސްޓު 17 ވާ ބުރާސްފަތި ދުވަހުގެ 15:00 އާ ހަމަޔަށް އެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
މަންދޫބުންނަށްވުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުމާއި ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި ރިޔާސީ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހަވާލުވެގެން ހުރި މީހެއް ކަމުގައި ނުވުން ހިމެނެއެވެ. އަދި ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް ނުވަތަ ވެރިއެއް ކަމުގައި ނުވުމާއި ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުމާއި ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައި ހުރި މީހަކު ކަމުގައި ނުވުންވެސް ހިމެނެއެވެ. އަދި ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ. އަދި އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) ގެ ރިސެޕްޝަނުން ފޯމް ބަލައިގަތުމެގެ އިންތިޒާމް އޮގަސްޓް 10 އިން އޮގަސްޓް 17 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ހަމަޖެހިފައި ހުންނާނެއެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން ފަސް ކެންޑިޑޭޓުން އަދި އަމިއްލަ ގޮތުން ތިން ކެންޑިޑޭޓުން ވާދަކުރައްވައެވެ.