އެފްއޭއެމްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މައިލޯ ވިމެންސް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިބަލުގެ ފުރަތަމަ މެޗުގައި ޓީރެކްސް އާއި ދިވެހި ސިފައިންގެ ކުލަބު ބައްދަލުކުރަން ޖެހިއްޖެއެވެ.
ސެމީގެ ފުރަތަމަ މެޗުގައި ޓީރެކްސް އާއި ދެކޮޅަށް ދިވެހި ސިފައިންގެ ކުލަބަށް ކުޅެން ޖެހުނީ އާދީއްތަ ދުވަހުގެރޭ ގްރޫޕް 1 ގެ ފަހު މެޗުގައި ސްޓެލްކޯ އާއި ދެކޮޅާށް އެޓީމު ކުޅުނު މެޗް 4-0 އިން ކާމިޔާބުކޮށް އެގުރޫޕުގެ އެއްވަނަ ހޯދާފައިވާތީއެވެ.
މި މެޗް ކުޅުމުގެ ކުރިންވެސް އެޓީމަށް ވަނީ ސެމީގެ ޖާގައެއް ލިބިފައެވެ. ނަމަވެސް އޭރު ނަތީޖާތަށް ނިކުމެފައިވާގޮތުން ގުރޫޕް 1 ގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ކަށަވަރުވާން އޮތީ އާދީއްތަ ދުވަހުގެރޭ ކުޅޭ ގުރޫޕް ސްޓޭޖުގެ ފަހު މެޗުތަކަށް ފަހުގައި ކަމަށްވުމުންނެވެ. އެގޮތުން އެގުރޫޕުން 2 ވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ އެމްޕީއެލް އެވެ.
ދިވެހި ސިފައިންގެ ކުލަބާއި ސްޓެލްކޯ ބައްދަލުކުރި މެޗް 4-0 އިން ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފައި ވާއިރު އެޓިމު ލަނޑުތަށް ކާމިޔާބުކޮށްދީފައިވަނީ އައިމިނަތް ފާސިއާ އާއި އައިމިނަތް ޒާހިޔާ އަދި މަރިޔަމް ރިފާއެވެ. ރިފާ ވަނީ ދެލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ އައިމިނަތު ޒާހިޔާއެވެ.
ގުރޫޕް 2 އިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައިވަނީ އަވަ އެފްޓީއެވެ. އެގުރޫޕުން ދެވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ޓިރެކްސް ސްޕޯޓްސް އެކަޑަމީއެވެ.
މުބާރާތް ރޭވިފައިވާގޮތުން ސެމީގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް 1 ގެ އެއްވަނައަށްދާ ޓީމާއި ގުރޫޕް 2 އިން ދެވަނައަށްދާ ޓީމެވެ. ދެވަނަ ސެމީގައި ބައްދަލުކުރަން ޖެހޭނީ ގުރޫޕް 2 ގެ އެއްވަނަ ޓީމާއި ގުރޫޕް 1 ގެ ދެވަނަ ޓީމެވެ.
އެހެންކަމުން ސެމީގެ ފުރަތަމަ މެޗުގައި ބައްލުކުރާނީ ގުރޫޕް 1 ގެ އެއްވަނަ ޓީމް ދިވެހި ސިފައިންގެ ކުލަބާއި ގުރޫޕް 2 ގެ ދެވަނަ ޓީމް ޓީރެކްސްއެވެ. ދެވަނަ ސެމީގައި ބައްދަލުކުރާނީ ގުރޫޕް 2 ގެ އެއްވަނަޓީމް އަވަ އެފްޓީ އާއި، ގުރޫޕް 1 ގެ ދެވަނަ ޓީމް އެމްޕީއެލް އެވެ.
މުބާރާތުގެ ސެމީގެ މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުއެވެ.
ޖުމްލަ 9 ޓީމުގެ މެދުގައި 2 ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަކީ އެފްއޭއެމްއިން ރާވާ ހިންގާ ފުރަތަމަ އަންހެން ފުޓްސަލް މުބާރާތަށް ވާއިރު މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ނިސްބަތްވާ 2 ކުޅުންތެރިއަކަށް ކުޅެވެއެވެ. ނަމަވެސް އެއްވެސް ބިދޭސީ ކުޅުންތެރިއަކަށް ނުކުޅެވެއެވެ.