ގާނޫނީ ގޮތުން ބަލާ އިރު ރައީސް ނަޝީދުގެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ކަަމަށް ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަަކަދައްކަވަމުން، ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު ވިދާޅުވީ، ގާނޫނީ ހަމަތަކުގެ ތެރެއިން، ހިނގަމުންދާ މައްސަލައެއްގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހުރެއްޖެ ނަމަ، އެކަން ބެލުމުގެ ގާނޫނީ އެއްވެސް މައްސަަލައެއް ނެތް އިރު، ނިމިފައިވާ މައްސަލައެއްގައި އެކަންކަން ބެލުން މާ ބޮޑަށް އައުލާކަން ބޮޑު ކަމަށެވެ.
ރިއްފަތު ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި އާ ހޯދުންތަކެއް މިހާރު ހޯދިފައިވާ ކަމަށާއި އެހެން ކަމުން މިއީ އަލުން ބަލާ ތަހުގީގު ކުރަންޖެހޭ މައްސަލައެއް ކަމަށެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަކީ، މި ސަރުކާރުގައި އޭރު ހައިސިއްޔަތެއް އޮތް މީހަކަށްވާ އިރު އެމަނިކުފާނު ސުޕްރީމް ކޯޓާ ހިއްސާކުރުމަށް ބޭނުންވާ މައުލޫމާތާ މެދު ޝައްކު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތަކީ، ސުޕްރީމް ކޯޓު ކަމަށްވާ އިރު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެެރެއިން ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން ހުރިކަމުގައިވާ ނަމަ، އެކަންކަން ސާފުކޮށް، އުފެދިފައިވާ ޝައްކުތައް ސާފުކުރަންޖެހޭ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
ރިއްފަތު ވަނީ ރައީސް ނަޝީދުގެ މައްސަލައިގައި ބައިނަލްއަގްވާމީ އިދާރާތަކުންވެސް، ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރިޔާއަތްކޮށް، އެކަންކަމަށްވެސް ސުޕްރީމް ކޯޓުން ވިސްނަންޖެހޭ ކަން ފާހަގަކުރައްވާފަ އެވެެ.
" ކުރުމުއްދަތެއްގެ ވާހަކައެއް ނޫން މިދައްކަނީ. 13 އަހަރުގެ ޖަލު ހުކުމެއްގެ ވާހަކަ. އެހެންވީމަ ނުހައްގުން މީހަކު ތޭރަ އަހަރަށް ޖަލު ހުކުމެއްގައި ހުރި އިރު އެމައްސަލައިގައި ކުށްކުރި މީހެއް ނޫންކަމަށް ހެކިބަސް ދޭން މީހަކު ހުރި އިރު، މިކަން ޖެހޭނެ ޝަރީއަތުން ބަލަން. އެކަން ނުބަލާ ކަމުގައިވާނަމަ އިންސާފު ގާއިމް ކުރެވުނު ކަމަށް ނުބެލެވޭނެ. ގާނޫނު އަސާސީގެ 42 ދިވެހި ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގެއް އެއީ އިންސާފުވެރިކަމާ ދެފުއފެންނަ ގޮތަށް ޝަރީއަތް ކުރުމުގެ ހައްގު." ރިއްފަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަދީބަކީ މި ސަރުކާރުގެ ނައިބު ރައީސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅަކަށްވާ އިރު އެމަނިކުފާނަށް އެނގޭ މައުލޫމާތުތަކަކީ، އެހެން މީހަކަށް ނޭންގޭ މައުލޫމާތަށް ވެދާނެ ކަމަށެވެ. އެފަދަ މަގާމެއްގައި ހުރެ ލިބޭ މައުލޫމާތަކީ ވަަރަށް ހައްސާސް މައުލޫމާތުތަކަކަށްވެދާނެ ކަމަށާއި އެހެންކަމުން ކުރީގެ ނައިބު ރައީސް އަދީބުގެ ހެކިބަހަކީ ވަރަށް މުހިއްމު އެކިބަސް ކަމަށެެވެ.
މިއީ އަލަށް ކުރަންޖެހޭ ކަމެއް ނޫން ކަަމަށާއި މީގެ ކުރިންވެސް، ސުޕްރީމް ކޯޓުން އަމިއްލައަށް އިސްވެ ބައެއް މައްސަލަތައް ބަލާފައިވާ ކަމަށް ރިއްފަތު ވިދާޅުވި އެވެ.
އަދީބުގެ ސިޓީއާ ގުޅިގެން ރައީސް ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ޓީމުން މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އެއަށްފަހު އިތުރަށް ކުރެވޭނެ ކަންކަމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވީ، ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކުރައްވާފައިވަނީ، އެމަނިކުފާނު ކުރައްވާފައިވާ ކަމެއްގެ މައްޗަށް ބިނާކޮށް ކުރި ތުހުމަތު ތަކެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ހުުކުމަކީ، ކާނަލް ނާޒިމްގެ ދިފާއިގައި ވާހަކަދެއްކުމުން ކުރައްވާފައިވާ ހުކުމެއް ކަަމަށް އޭނާ ވވިދާޅުވި އެވެ.
" އަދީބުގެ ހެކިބަސް ނެގުމަކީ އެއްވެސް ހާލެއްގައި އަދީބަށްކޮށްދޭ ކަމެއްނޫން. އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް އިންސާފު ހޯދާ ދިނުމަށް ސުޕްރީމްކޯޓުން ކުރަންޖެހޭ ކަމެއް. އަދި ރައީސް ނަޝީދަށް ކޮށްދެއްވާ ކަމެއްގެ ގޮތުގައެއްވެސް ނޫން މިކަން ކުރަންޖެހެނީ. މިއީ އިންސާފު ހޯދާދިނުމަށް ޝަރުއީ ކޯޓުތަކުން ކުރަންޖެހޭ ކަމެއް." ހަސަން ލަތީފު ވިދާޅުވި އެވެ.
މިއީ ސިޔާސީ ގޮތުން އެމަނިކުފާނަށް ދެއްވި ލަނޑެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރާއްވާ އާދިއްތަ ދުވަހު ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިން ކަން އެނގިވަޑައިގަންނަވާ ކަަމަށާއި
ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔެފައިވާ ހުކުމެއް ނޫން ކަމަށާއި، އެ ހުކުމް ލިޔުނު ފަރާތް އެނގިވަޑައިގަންނަވާ ކަމަށެވެ.
މިކަންކަން ސާފުކޮށްދިނުމަށް ސުޕްރީމް ކޯޓުން ފުރުސަތު ދިނުމަށް އަދީބުވަނީ އެދިވަޑައިގަންނަވާފަ އެވެ.