ގިސްލަ ގިސްލާފައި ރޯން އިން މާބަނޑު ޒުވާނާގެ މޫނު މަތިން ފެންނަމުން ދިޔައީ އިންތިހާ ވަރުބަލިކަމާއި މާޔޫސްކަމެވެ. ހަނަފަސް ސަހަރާއަށް، ދެމުން ދިޔަ ރަތްދަކަ އަވީގައި އިށީނދެލައިގެން އެ އިނީ ސޫދާނުގެ ނަރުހެކެވެ. އުމުރުން އެންމެ 26 އަހަރުގެ ތަފާވުލް އުމަރެވެ. ތަފާވުލްއާއެކު ދެން އެތިބަ މީހުންނަކީވެސް އޭނާ ފަދަ ހިޖުރަވެރިންތަކެކެވެ.
އެމީހުން ބުނާގޮތުގައި، އެއީ ތޫނިސްގެ ކަމާބެހޭ ފަރާތްތަކުން ހައްޔަރުކޮށް، ލީބިޔާގެ ބޯޑަރު ސަރަހައްދަށް އުކާލާފައި ތިބި މީހުންނެވެ. ތޫނިސްގެ ކަމާބެހޭ ފަރާތްތަކުން އެ ތުހުމަތުތަކަށް އިންކާރުކުރެއެވެ.
އަހަރެން އިނީ ތޫނިސްގަ. ފިރިމީހާއަކީ ދުވަހު މުސާރައަށް މަސައްކަތްކުރާ މީހެއް. އަހަރެމެން ބޭނުންވީ އިޓަލީވިލާތަށް ދާން. ތޫނިސްގަ ވަރަށް އަނިޔާ ލިބޭ. ފުރައްސާރައާ ކުރިމަތިވޭ. އޭގެ ފަހުން، މީގެ 2 ދުވަސް ކުރިން، އެމީހުން އަހަރެމެން ގެންދިޔައީ ބޯޑަރު ސަރަހައްދަށް. ބޯޑަރަށް ދެވުނުތާ އެއް ދުވަސް ފަހުން، އެމީހުން ނެގި ފިރިހެނުން ގައިގަ ތަޅާ ހަދާފަ، އަހަރެމެން ދޫކޮށްލީ. ފައިމަގުގަ ހިނގީ ލީބިޔާއާ ދިމާއަށް. އެކަމަކު ދާންވީ މިސްރާބެއް އަހަރެމެންނަކަށް ނޭނގެ. ތިން ހަތަރު ގަޑިއިރު ހިނގި ފަހުން ލީބިޔާ ފުލުހުންނާ ދިމާވީ. ފެނާ ކާބޯތަކެތި ދީފަ، ކާރުތަކަށް އަހަރެމެން އަރުވައިދޭން އެހީވީ އެމީހުން.ތަފާވުލް އުމަރު؛ ސޫދާނަށް ނިސްބަތްވާ މާބަނޑު ހިޖުރަވެރިއެއް
އަންހެނުންނާއި ފިރިހެނުންވެސް ހިމެނޭ އެ ގުރޫޕުގައި ތިބި މީހުން ނިސްބަތްވަނީ ސޫދާން، ސެނެގާލް، ޣާނާ އަދި މާލީއަށެވެ. ބައިނަލްއަގުވާމީ ޚަބަރުތައް ކަވަރުކުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ރޮއިޓަރޒްއިންވެސް ބައިވެރިވަމުން ދިޔަ މިޝަނެއްގައި، ލީބިޔާގެ ބޯޑަރު ޕެޓްރޯލުން އެ ގުރޫޕާ ބައްދަލުވިއިރުވެސް، އެ މީހުން ވަނީ ހަތަރު ގަޑިއެއްހާއިރު ފައިމަގުގައި ހިނގާފައެވެ. ބޯނެ ފެންފޮދަކާއި ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނީވެސް ލީބިޔާ ބޯޑަރު ޕެޓްރޯލް ޓީމާއި ރޮއިޓަރޒްގެ ގުރޫޕުން ކަމަށް ތަފާވުލްއާއި އޭނާއާއެކު އެތާ ތިބި މީހުން ކިޔައިދިނެވެ.
ބައެއް ހިޖުރަވެރިންނާ އަހަރެމެން ސުވާލުކޮށްލީމަ އެބަ ބުނޭ، ވީނުވީއެއް ނޭނގި ގެއްލުނު 4 މީހަކު އެކޮޅަށް ދޫކޮށްލާފަ އައިކަމަށް. އަހަރެމެންނަކަށް އެމީހުންނެއް ނުފެނުނު. ބައެއް މީހުން ބުނި، އެކޮޅުގަ، (ތޫނިސްގަ) އަންހެނުންނާ ކުޑަކުދިންވެސް އަދި ތިބި ވާހަކަ. މީ ވަރަށް ބޮޑު، ހަނަފަސް ސަހަރާއެއް. ހިޖުރަވެރިންގެ ގުރޫޕުތައް، އެކި ކޮޅުކޮޅަށް ހިނގުން އެކަށީގެންވޭ. 5 މީހަކު މިކޮޅަށް ހިނގިއްޔާ، އަނެއް ބަޔަކު ހިނގާފާނެ އަނެއް ކޮޅަށް. މިތާ މިތިބީ 15 ވަރަކަށް މީހުން. އެމީހުން ބުނާގޮތުން ވިއްޔާ 5 މީހަކު މިކޮޅަށް ހިނގި. އަނެއް 7 މީހުން ހިނގީ އެހެން މިސްރާބަކަށް.އަލީ ވާލީ؛ ލީބިޔާގެ ބޯޑަރު ގާޑެއް
ހިޖުރަވެރިންނާއި، ލީބިޔާގެ ބޯޑަރު ބަލަހައްޓާ ފާރަވެރިންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕުތަކުން، ތޫނިސްގެ ކަމާބެހޭ ފަރާތްތަކަށް އަމާޒުކުރާ ވަރުގަދަ ތުހުމަތުތަކެއް އެބަހުއްޓެވެ. އެއީ ތޫނިސްގައި ތިބި ހިޖުރަވެރިން، ދާނެ މަންޒިލެއް ނެތީސް، އަވަށްތަކުން ބޭރުކޮށް، ހޫނު މޫސުމުގެ ގަދަ އަވިގަނޑުތެރެއަށް ނެރެ އުކާލާކަމުގެ ތުހުމަތެވެ. އެއީ އެތައް މަހެއް ވަންދެން އަތްފުނާ އެޅުމަށްފަހު ތޫނިސްގެ ކަމާބެހޭ ފަރާތްތަކުން ކުރާ ކަމެއް ކަމަށް ބުނެއެވެ.
ހަނަފަސް ސަހަރާގެ ތެރެއިން، މަރުވެފައިވާ ހިޖުރަވެރިންގެ ހަށިތައްވެސް ފެންނަމުން ދާކަމަށް ލީބިޔާއިން ވަނީ ރިޕޯޓްކޮށްފައެވެ.
އަހަރެމެން މަސައްކަތްކުރަމުން މިދަނީ ލީބިޔާއަށް އެތެރެވާ ހިޖުރަވެރިން މަދުކުރޭތޯ. އެކަމަކު، ކޮންމެ ދުވަހަކުވެސް ގާތްގަނޑަކަށް 100އާ 150އާ ދެމެދުގެ އަދަދަކަށް މީހުން އެބަ އާދޭ. ބައެއް ދުވަސްދުވަހު އެ އަދަދު އެބަ އަރާ 300އަށް ވެސް. މައިދާނީ ސިއްހީ ޚިދުމަތްތެރިން ދޭ މައުލޫމާތަށް ބަލާއިރު، ލީބިޔާގެ ހަނަފަސް ސަހަރާގެ ތެރެއިން މިހާރުވެސް 35 މީހެއްގެ ހަށިގަނޑު ފެނި، ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފަ ވަނީ. އަދި ކަމެއް ސާފުކޮށްލަދޭންވެސް ބޭނުން. ތޫނިސްއާ ވީ ފަޅިންވެސް އަހަރެމެންނަށް އެބަ ފެނޭ މަރުވެފަ ތިބި މީހުންގެ ހަށިތައް. އެކަމަކު، ތޫނިސްގެ ސަރަހައްދަކަށް އަހަރަމެންނަކަށް ނުވަދެވޭނެތާ.އަލީ ވާލީ؛ ލީބިޔާގެ ބޯޑަރު ގާޑެއް
ހަނަފަސް ސަހަރާގެ ތެރެއަށް، ހިޖުރަވެރިން އުކާލާފައި ވާކަމަށް ކުރާ ތުހުމަތުތަކަށް ތޫނިސްގެ ދާޚިލީ ވުޒާރާއިން އިންކާރު ކުރެއެވެ. އެ ތުހުމަތުތަކަކީ، ތޫނިސްގެ އަގު ވައްޓާލުމަށް ފަތުރަމުންދާ ދޮގު ޚަބަރުތަކެއް ކަމަށް، ރައީސް ގައީސް ސައީދު ވަނީ ވިދާޅުވެފައެވެ.
ހިޖުރަވެރިންގެ ވާހަކަތަކާއި ތޫނިސްގެ ވާހަކަތަކާއި ތޫނިސްގެ ކަމާބެހޭ ފަރާތްތަކުގެ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު، ހަގީގަތަކީ ކޮބައިކަން ކަށަވަރުކޮށްދޭން ނޭނގޭ ކަމަށް ރޮއިޓަރޒްއިން ބުނެއެވެ.