Advertisement
ކ. މާލެ
|
16 ޖުލައި 2017 | އާދީއްތަ 20:57
އިބްރާހީމް މުހައްމަދު ދީދީ: މިއީ ސިޔާސީ ދައުވާއެއް
އިބްރާހީމް މުހައްމަދު ދީދީ: މިއީ ސިޔާސީ ދައުވާއެއް
ރާއްޖެއެމްވީ
އިބްރާހިމް ދީދީގެ މައްސަލަ
އިބްރާހީމް މުހައްމަދު ދީދީގެ ޝަރީއަތްވެސް ފެށުމަށް މާދަމާއަށް މައްސަލަ ތާވަލް ކޮށްފި
ތާވަލް ކޮށްފައިވަނީ މާދަމާ މެނދުރު 2:30އަށް
މާދަމާ އޮތީ ލިޔެކިޔުންތައް ހަވާލުކުރުން
މި ދައުވާ ކުރިން ވަނީ އަނބުރާ ގެންގޮސްފައި

އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ ޝަރީޢަތް ފެށުންވެސް ހޯމަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ހޯމަ ދުވަހުގެ މެންދުރު 2:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އިބްރާހީމް ދީދީއަށް ޗިޓް ފޮނުވާފައިވަނީ އެބޭފުޅާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ލިޔެކިޔުންތައް ދޫކުރުމަށެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ކުރަން އުޅުނު ދައުވާ އަނބުރާ ގެންދިއުމަށްފަހު، އަލުން އެ ދައުވާ އުފުލުމަށް ދައުލަތުން ވަނީ ނިންމާފައެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކޮށްފައިވާ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންގޮސްފައިވަނީ އެ މައްސަލަ ދިރާސާ ކުރުމަށް ކަމަށްބުނެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ޕީޖީ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެހެން ކަމުން އެ ދައުވާ އިބްރާހިމް ދީދީގެ މައްޗަށް އަލުން ކުރީ، 15 މަސް ދުވަހަށް ފަހުއެވެ.

ޕީޖީ އޮފީހުން 25 ޖޫން 2015 ގައި ވަނީ އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރާނެ ކަމަށް ބުނެ އެކަން އޭނާއަށް އަންގާފައެވެ. އެހެން ނަމަވެސް، އަނެއްކާވެސް އެ މައްސަލަ ބެލުމަށް ނިންމީ ޕީޖީއަށް ލިބިފައިވާ ބާރުގެ ދަށުން ކަމަށް އެ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން އިބްރާހިމް ދީދީގެ މައްޗަށް އަލުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާއިރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ޕީޖީ އޮފީހުގެ ފަރާތުން މައްސަލައެއްގައި މުރާޖައާ ކުރުމަށް ނުވަތަ ދިރާސާކުރުމަށް ނޫން ގޮތަކަށް މައްސަލަ އަނބުރާ ގެންގޮސްފި ނަމަ އެ މައްސަލައެއްގައި ދެން އަލުން ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މީހެއްގެ މައްޗަށް ދައުވާ ކުރެވޭ މައްސަލައެއްގައި ދައުވާ ނުކުރާނެކަން އެމީހަކަށް ޕީޖީ އޮފީހުން އަންގާފައި ވާނަމަވެސް އެފަދަ މައްސަލައެއްގައިވެސް ދައުވާ ނުކުރެވޭނެކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ. ހައިކޯޓުން މިގޮތަށް ކަނޑައަޅާފައިވަނީ 2012 ވަނަ އަހަރު ހައިކޯޓުން ކޮށްފައިވާ ހުކުމެއްގައެވެ.

އަބްދުﷲ ގާޒީ ހައްޔަރުކުރިކަމަށް ބުނާ މައްސަލައިގައި މީގެ ކުރިން ފަސް ބޭފުޅެއްގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ދައުލަތުން އުފުލާފައިވެއެވެ.

އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ޓެރެރިޒަމްގެ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 13 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އަދި އޭރުގެ ރައީސް ނަޝީދު ސަރުކާރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި 10 އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން އިބްރާހިމް ދީދީ ވިދާޅުވީ، މިއީ ރައީސް ޔާމީން ސީދާ ސިޔާސީ ކަމެއްގައި ބަލަން ނިންމި މައްސަލައެއް ކަމަށާއި އަދި މިކަމަކީ މަޖިލީހުގެ ތެރެއިން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައި އެކަން ހުއްޓުވުމަށް ކުރެއްވި ކަމަށެވެ.

ދީދީ ވިދާޅުވީ މި ދައުވާއަކީ ހައިކޯޓުގެ ހުކުމާ ހިލާފަށް ޕީޖީ އޮފީހުން ކޮށްފައިވާ ދައުވާއެއް ކަމަށެވެ.

އަދި ދަން ޖެއްސިއަސް ރައްޔިތުންގެ މަޖިލީހަށް ހޮވައިދިން ރައްޔިތުންނަށް ހަރާންކޯރު ނުވާނެކަމަށް އިބްރާހިމް މުހައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް