ކްލަބް މޯލްޑިވްސް ކްލެސިކްގެ ކްއާޓަރ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ.
ދެވަނަ ބުރުގެ މެޗުތަކަށްފަހު ކްއާޓަރ ފައިނަލްގެ ފަހު ހަތަރު ޖާގަ ހޯދީ ކްލަބް 220 އާއި, ހޯމްއެފެއަރޒް ރެކްރިއޭޝަން ކްލަބާއި, ޚާރިޖީ އާއި, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމެވެ. ކްލަބް 220 ކްއާޓާއަށް ދަތުރުކުރީ 7-1 ން އުމުރާނީ ކްލަބް ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަހުމަދު ސާމިހު ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ދެ ލަނޑު ޖެހީ އަލީ އިކްރާމް އެވެ. އަޝްފާގު ނައީމްވެސް ދެ ލަނޑު ޖެހިއެވެ. ފަހު ލަނޑު ޖެހީ މުހައްމަދު ޒިޔާދުއެވެ. އުމްރާނީ ކްލަބްގެ ހަމައެކަނި ލަނޑު ޖެހީ އަބުދުލް މަތީން އިބްރާހީމްއެވެ.
ހޯމް އެފެއަރޒް ރެކްރިއޭޝަން ކްލަބް ކްއާޓާގެ ޖާގަ ހޯދީ ޓީމް ޕެމާ (ރައްޔިތުންގެ މަޖިލިސް) ބަލިކޮށްގެންނެވެ. އެއީ 6-1 ނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ ޔައިޝް މުސްތަފާ ހެޓްރިކް ހެދިއެވެ. އެޓީމަށް ދެން ލަނޑު ޖަހައިދިނީ އަހުމަދު ޝަފްރާޒް މުޙައްމަދާއި, ރަފްހާން އިބްރާހީމްއެވެ. ޓީމް ޕެމާގެ ހަމައެކަނި ލަނޑު ޖެހީ ހުސެއިން ހަބީބެވެ. ފުރަތަމަ ލަނޑު ޖެހީ ޓީމް ޕެމާއިންނެވެ.
ޓީމް ޚާރިޖީ ކްއާޓާއަށް ދަތުރުކުރީ 7-5 ން ހުޅުމާލެ ހޮސްޕިޓަލް ބަލިކޮށްގެންނެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުގައި ޓީމް ޚާރިޖީގެ ދެ ލަނޑުވެސް ޖެހީ މުހައްމަދު ނާޝިދު އަހުމަދު ނަސީމް ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ދެ ލަނޑު ޖެހީ މޫސާ ކަލީމް ގާސިމްއާއި, އަހުމަދު އިޔާސް ޝިނާންއެވެ. ފުރަތަމަ ދެ ލަނޑު ޖެހީވެސް ހުޅުމާލެ ހޮސްޕިޓަލްގެ ޓީމުންނެވެ. ޓީމް ޚާރިޖީން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު މިނިޓްގައެވެ.
ޕްރެޒިޑެންޓް އޮފީހުގެ ޓީމް ކްއާޓަރ ފައިނަލަށް ދަތުރުކުރީ 4-2 ން މީރާ ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ. ރައީސް އޮފީހުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އަބުދުالله ނާސިފް, އަނެއް ދެ ލަނދު ޖެހީ ހަސަން ވަހީދު އާއި ހުސެއިން ނަޖީބުއެވެ. މީރާގެ ދެ ލަނޑު ޖެހީ ރިމާން އަލީއެވެ.
ކްއާޓާ ފައިނަލް މެޗުތައް:
ޓީމް ޑީޖޭއޭ - އެމްއެމްއޭ ސޯޝަލް ކްލަބް
އެޗްޕީއެސްއެން - ޓީއާރުސީ - ޓްރާންސްޕޯރޓް
ކްލަބް 220 - ހޯމްއެފެއަރޒް ރެކްރިއޭޝަން ކްލަބް
ޓީމް ޚާރިޖީ - ޕްރެޒިޑެންޓް އޮފީސް ސޯޝަލް ކްލަބް