ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 10:07
އިންޓަ އަށް ސޮއި ކުރުމަށްފަހު ސޮމާ
އިންޓަ އަށް ސޮއި ކުރުމަށްފަހު ސޮމާ
ޓްވީޓަރ
އިންޓަ މިލާން
ޔެން ސޮމާ އިންޓަ މިލާނަށް ސޮއި ކޮށްފި
 
އުމުރުން 34 އަހަރުގެ ކީޕަރު އިންޓަ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންއައި ސްވިޒަލެންޑުގެ ގޯލް ކީޕަރު ޔެން ސޮމާ، އިޓާލިއަން ލީގުގެ އިންޓަ މިލާނަށް ސޮއި ކޮށްފި އެވެ.

އުމުރުން 34 އަހަރުގެ ކީޕަރު އިންޓަ އަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ސޮމާ ބަޔާން ދޫކޮށްލީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު އޭނާ ބަޔާނަށް ބަދަލުވީ އެ ޓީމުގެ އެއް ނަންބަރު ގޯލް ކީޕަރު ޖަަރުމަނުގެ މެނުއަލް ނޯޔާ އަށް އަނިޔާވެ ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. އިންޓަ އިން ސޮމާ ހޯދީ އެ ކުލަބުގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ އެ ޓީމު ދޫކޮށް، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުންނެވެ.

ސޮމާ ވަނީ ބަޔާނުގައި ހޭދަކުރި އެއް ސީޒަނުގައި އެ ކުލަބުގެ ގޯލް 25 މެޗެއްގައި ބަލަހައްޓާފަ އެވެ. ޖަރުމަނު ލީގުގައި ބަޔާނުން މިދިޔަ ސީޒަނުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅުނު މެޗުގައި ސޮމާ ވަނީ ޖުމުލަ 19 ހަމަލާއެއް ހުއްޓުވާފަ އެވެ. މިއީ ޖަރުމަނު ލީގުގައި ރެކޯޑެކެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ 14 ހަމަލާއެއް ހުއްޓުވައިގެން، ހެމްބާގްގެ ކީޕަރު އަލެކްސަންޑާ ޝްވޯލޯ އަތުގަ އެވެ.

އިންޓަ އަށް ބަދަލުވުމަށް ފަހު ވާހަކަ ދައްކަމުން ސޮމާ ބުނީ، މިއީ އަނެއްކާ ވެސް އޭނާގެ ކެރިއަރުގައި ފަށާ އައު ސޮފްހާއެއް ކަމަށެވެ. އެހެން ނަމަވެސް، މިހާރު ވެސް އޭނާ ބުނީ އިންޓަ އާއެކު ކާމިޔާބީތައް ހޯދުމުގެ ވަރުގަދަ އަޒުމެއްގައި ކަމަށް ވެސް ސޮމާ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އިންޓަ އަކީ ގިނަ ކާމިޔާބީތަކާ ހަމައަށް ވާސިލްވެވޭނެ ފެންވަރުގެ ކުލަބެކެވެ.

އިންޓަ އަށް ސޮއި ކުރުމަށްފަހު ސޮމާ މިހާރު އަންނަނީ އެ ކުލަބުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކުގައި ވެސް ބައިވެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް