ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 07:59
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ނޭމާ
ޓްވީޓަރ
ޕީއެސްޖީ
ނޭމާ، ޕީއެސްޖީ ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ބައްޕަ ދޮގު ކޮށްފި
 
ނޭމާގެ ބައްޕަ މީޑިއާއަކަށް ބުނީ، ހިނގަން ނޫޅޭ ކަމެއް އޭނާ އަށް ޔަގީންކޮށް ނުދެވޭނެ ކަމަށް

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ ޖޫނިއާ އެ ކުލަބު ދޫކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ބައްޕަ ނޭމާ ސަންޓޯސް ދޮގު ކޮށްފި އެވެ.

ބޭރުގެ ބައެއް މީޑިއާ ތަކަުގައި ބުނެފައިވާ ގޮތުން ނޭމާ ވަނީ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން އެ ކުލަބަށް އަންގައިފަ އެވެ. އަދި އޭނާ ބޭނުންވަނީ އަލުން އަނބުރާ ސްޕެއިންގެ ބާސެލޯނާ އަށް ގުޅެން ކަމަށް ވެސް ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަލުން ނޭމާ ގެނައުމަށް ބާސެލޯނާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ބުނެފަ އެވެ. އެކަމާ ގުޅިގެން ނޭމާގެ ބައްޕަ މީޑިއާއަކަށް ބުނީ، ހިނގަން ނޫޅޭ ކަމެއް އޭނާ އަށް ޔަގީންކޮށް ނުދެވޭނެ ކަމަށެވެ.

ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވި ނޭމާ، އެންމެ ފަހުން އެ ކުލަބާއެކު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް އެ ކުލަބުގައި އެކަށީގެންވާ ވަރުގެ ކުޅުމެއް ނުދެއްކެ އެވެ. ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް ވަނީ އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފަ އެވެ. އެންމެ ފަހުން މިދިޔަ ސީޒަނުގެ ފެބްރުވަރީ މަހު ނޭމާ އަށް ވަނީ އަނިޔާވެފަ އެވެ. އެއާއެކު އޭނާ އަށް ސާޖަރީއެއް ކުރަން ޖެހުނުއިރު، ސީޒަންގެ ބާކީ ބައި އެއްކޮށް ވަނީ ގެއްލިފަ އެވެ. އެފަހަރު ނޭމާ ވަނީ ފައިގެ ކުޑަހުޅުގެ ސާޖަރީއެއް ކޮށްފަ އެވެ. އަނިޔާ އަށް ފަހު މިހާރު ނޭމާ އަންނަނީ ޕީއެސްޖީގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރިވެ، މެޗުތައް ކުޅެމުންނެވެ.

ޕީއެސްޖީ އަށް ބަދަލުވެ ނޭމާ ވަނީ އެ ކުލަބަށް މިހާތަނަށް ކުޅެދިން 173 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ޕީއެސްޖީގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި ލުއިސް އެންރީކޭގެ ޕްލޭންގައި ނޭމާ އަކީ މުހިންމު ކުޅުންތެރިޔަކަށް ވާނެ އެވެ. މީގެ ކުރިން އެންރީކޭ ވަނީ ބާސެލޯނާގައި ވެސް ނޭމާ އަށް އިރުޝާދު ދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
100%
ކޮމެންޓް