ކ. މާލެ
|
8 އޯގަސްޓް 2023 | އަންގާރަ 07:58
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ
މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ބެނާޑޯ ސިލްވާ
ޓްވީޓަރ
މެންޗެސްޓަރ ސިޓީ
ސިޓީން ސިލްވާ އަށް އައު އެއްބަސްވުމެއް ހުށަހަޅައިފި
 
ސިޓީގެ ހުށަހެޅުން ސިލްވާ ޤަބޫލުކޮށްފި ނަމަ، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަަށް އޭނާ އެ ކުލަބުގައި ހުންނާނެ

މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ އެޓޭކިން މިޑްފީލްޑަރު ބެނާޑޯ ސިލްވާ އަށް އެ ކުލަބުން އައު އެއްބަސްވުމެއް ހުށަހަޅައިފި އެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ސިޓީން ވަނީ ސިލްވާ އަށް ރަސްމީކޮށް އައު އެއްބަސްވުން ފޮނުވައިފަ އެވެ. އެ ކުލަބުން ސިލްވާ އަށް އައު އެއްބަސްވުމެއް މި ހުށަހެޅީ އޭނާ ހޯދުމުގެ ޝައުޤުވެރިކަން އެހެން ކުލަބުތަކުން ގެންގުޅޭ ވަގުތެއްގަ އެވެ. ސިލްވާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށްފައި ވަނީ ސްޕެއިންގެ ބާސެލޯނާ އާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ. މީގެ ތެރެއިން ވެސް ބާސެލޯނާ އަކީ ސިލްވާ ހޯދުމަށް ވަރަށް ކުރިން ވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކުލަބެކެވެ.

ސިޓީ އާއެކު ސިލްވާ މިހާރު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވާ ސިޓީން މި ވަނީ އޭނާގެ އެއްބަސްވުން އައު ކުރުމަށް ހުށަހަޅައިފަ އެވެ. އެގޮތުން ސިޓީން ހުށަހަޅާފައި ވަނީ އިތުރު ތިން އަހަރަށް އެއްބަސްވުން އައު ކުރުމަށް ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެހެންކަމުން ސިޓީގެ ހުށަހެޅުން ސިލްވާ ޤަބޫލުކޮށްފި ނަމަ، 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަަށް އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. މީޑިއާ ތަކުން ބުނާ ގޮތުގައި ސިޓީން ހުށަހެޅި އައު އެއްބަސްވުމުގައި ސިލްވާ ސޮއި ކުރިމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ އޭނާ ހޯދުމަށް ބާސެލޯނާ އިން މިހާތަނަށް އެއްވެސް ރަސްމީ ހުށަހެޅުމެއް ފޮނުވާފައި ނުވުމާއި، އެ ކުލަބުގެ މާލީ ހާލަތުގެ ސަބަބުން ސިޓީން ބޭނުންވާ އަގެއް އެ ކުލަބަށް ނުދެވިދާނެތީ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

މޮނާކޯ ދޫކޮށް ސިލްވާ ސިޓީ އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ސިޓީ އަށް ބަދަލުވެ މިހާތަނަށް އެ ކުލަބުގައި ހޭދަ ކުރި ހަ ސީޒަންގައި އޭނާ ވަނީ 306 މެޗު ކުޅެދީ 55 ލަނޑު ޖަހައިފަ އެވެ. ސިޓީ އާއެކު ސިލްވާ ވަނީ 14 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޕޯޗުގަލް ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް އޭނާ ވަނީ ޤައުމީ ޓީމަށް 82 މެޗު ކުޅެދީ 11 ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ ވަނީ ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
100%
0%
0%
0%
0%
0%
ކޮމެންޓް