ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހަމަވިއިރު 8 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
އިންތިހާބުގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖުލައި 23 ވަނަ ދުވަހު އެވެ. އެ ފުރުސަތު ހަމަވީ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވައެވެ. މިއީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ގޮތަށް ރިޔާސީ އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވި އިންތިހާބެވެ. އެންމެ ފުރަތަމަ 2008 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި 6 ބޭފުޅުން ވާދަކުރެއްވިއެވެ.
ކުރިމަތިލެއްވި ކެންޑިޑޭޓުންނާއި ރަނިންމޭޓުން:
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރަނިންގމޭޓް އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރ މުހައްމަދު އަސްލަމް
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހަައްމަދު މުއިއްޒު، ރަނިންގެމޭޓް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު، ރަނިންގމޭޓް ޑރ. އަހުމަދު އަދީލް ނަސީރު
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު، ރަނިންގމޭޓް ހުސައިން އަމްރު
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް، ރަނިންގމޭޓް ޑރ. އަމީން އިބްރާހިމް
އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު، ރަނިންގމޭޓް އަހުމަދު ސަލީމު
އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން، ރަނިންގމޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް
އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލު، ރަނިންގމޭޓް މަރިޔަމް އަލީމް
މީގެތެރެއިން ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެންޑިޑެސީ އީސީން ބަލައިގަނެފައިވާއިރު އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑެސީގެ ކަންކަން އީސީން އަންނަނީ ބަލަމުންނެވެ.