އެމެރިކާ ލީގްސް ކަޕްގެ ގަދަ 16 ވަނަ ބުރުގައި އެފްސީ ޑާލާސް ބަލިކޮށް އިންޓަ މިއާމީން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ހޯމަ ދުވަހު ކުޅުނު މެޗު މިއާމީން ކާމިޔާބު ކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގަތު ހަމަވީ ދެ ޓީމު 4-4 އިން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މިއާމީންނެވެ. މެޗުގެ ހަ ވަނަ މިނެޓުގައި ޖޯޑީ އަލްބާ ތަނަވަސްކޮށްދިން ފުރުސަތެއްްގައި އެ ޓީމަށް ކުރި ހޯދައިދިނީ ލިއޮނަލް މެސީ އެވެ. މިއީ ބާސެލޯނާ އަށްފަހު، މެސީ، އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އެއް ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑާލާސް އިން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފަކުންޑޯ ކުއިނަން އެވެ. އޭގެ ފަހުން 45 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބެނާޑް ކަމުންގޯ އެވެ.
ދެ ވަނަ ހާފަށް ނިކުމެ ޑާލާސް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިނީ އަލަން ވެލަސްކޯ އެވެ. އޭގެ ފަހުން 65 ވަނަ މިނެޓުގައި ބެންޖަމިން ސްރެމަސްޗީ ވަނީ ލަނޑެއް ޖަަހައި މިއާމީ އަށް ފަރަގު އެއް ލަނޑަށް ކުޑަ ކޮށްދީފަ އެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން މިއާމީގެ ރޮބާޓް ޓޭލާ އަތުން ބައި ކޮޅަށް ވަތް ލަނޑާއެކު، ޑާލާސް އަށް ދެ ލަނޑުގެ ލީޑެއް އަނެއްކާ ވެސް ލިބުނެވެ. މެޗުގެ 80 ވަނަ މިނެޓުގައި މިއާމީ އަށް ފަރަގު އެއް ލަނޑަށް ކުޑަވީ ޑާލާސްގެ މާކޯ ފާފަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަސް މިނެޓު ފަހުން މިއާމީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެސީ އެވެ. މިއީ މެސީ މިއާމީ އަށް ޖަހައިދިން ހަތް ވަނަ ލަނޑެެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި މިއާމީން ވަނީ ފަސް ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެއީ މެސީ، ބުސްކެޓްސް، ލިއޯނާޑޯ ކަމްޕާނާ، ކަމާލް މިލްނާ އަދި ސްރެމަސްޗީގެ ޕެނަލްޓީ އެވެ. ޑާލާސް އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ. އެއީ ޕައުލް އަރިއޯލާ، ކުއިނަން އަދި ޖީސަސް ފެރެއިރާގެ ޕެނަލްޓީ އެވެ. އެ ޓީމުގެ ޕެކްސްޓަން ޕޮމީކަލްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.