ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 11:45
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ މައްސަަލަ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ މައްސަަލަ
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ- ނިހާއީ ޙުކުމް
"ތަފާތުތަކަށް ނުބަލައި، ގަޒިއްޔާއަކުން ފެންނަ ޖުމުލައެއް، ނުވަތަ ލަފުޒެއް އޭގެ ފަހުން އަންނަހާ މައްސަލައެއްގައި ތަތުބީޤެއް ނުކުރެވޭނެ"
ޔާމީނުގެ ކެނޑިޑެސީގައި 2 ޝަރުތެއް ފުރިހަމަނުވޭ، އެއީ 11 އަހަރުގެ ޖަލު ޙުކުމަކާއެކު ސާބިތު ދަރަންޏެއް އޮތުން
މެޓީރިއަލް ފެކްޓްސްއަށް ނުބަލައި، ޙުކުމުގައި އޮތް ވަކިވަކި ޖުމްލައެއް ތަތުބީޤު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން

ގަޒިއްޔާތަކުގައި ހިމެނޭ އަސާސީ ވާޤިއާތަކުގެ ތަފާތުތަކަށްވެސް ބެލުމެއްނެތި، ގަޒިއްޔާއަކުން ފެންނަ ޖުމުލައެއް، ނުވަތަ ލަފުޒެއް އޭގެ ފަހުން އަންނަހާ މައްސަލައެއްގައި ތަތުބީޤެއް ނުކުރެވޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން އެހެން ބުނެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ކުރެއްވި ޙުކުމުގައެވެ.

ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ ގެ (ޅ) ގައި ބުނެފައިވަނީ ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޔާމީނުގެ ފަރާތުން ވަނީ އެ މާއްދާގައި ބުނެފައި އެވަނީ ނިހާއީ ޙުކުމެއްގެ ވާހަކަކަމަށް ވިދާޅުވެފައެވެ. އެގޮތަށް ވިދާޅުވެ ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ބައެއްގަޒިއްޔާތަކަށްވެސްޙަވާލާ ދެއްވާފައިވެއެވެ.

އެކަމާ ގުޅޭގޮތުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް އަމަލުކުރުން ލާޒިމުވާކަން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި، ޙަވާލާ ދެއްވާ ގަޒިއްޔާތަކުގެ އަސާސީ ވާޤިއާތަކަށް (މެޓީރިއަލް ފެކްޓްސްއަށް) ނުބަލައި، ޙުކުމުގައި އޮތް ވަކިވަކި ޖުމްލައެއް ތަތުބީޤު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ފަނޑިޔާރު ދެކިވަޑައިގަންނަވައެވެ.

އެހެންނަމަވެސް، އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް އަމަލުކުރުމުގެ މާނައަކީ މައްސަލައެއްގެ އެންމެ އަސާސީ ވާޤިއާ (މެޓީރިއަލް ފެކްޓްސް) އަށް ބެލުމެއްނެތި، ގަޒިއްޔާއަކުން ފެންނަ ޖުމުލައެއް، ނުވަތަ ލަފުޒެއް އޭގެ ފަހުން އަންނަ އެންމެހައި މައްސަލަތަކުގައި ތަފާތުތަކަށް ނުބަލައި ހުރެެ ތަތުބީޤު ކުރުމެއް ނޫން
ފަނޑިޔާރު ހުސްނުއްސުއޫދު

ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުންވެސް ވަނީ ކުށުގެ ޒިންމާ އުފުލުމުގެ ވާހަކަ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ މާއްދާގައި ވަނީ ރައީސްކަމުގައި ހުންނަވާ ފަރާތެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ޙާލަތުގައި އަމަލުކުރާނެ ގޮތުގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ.

ވީއިރު، ޙުކުމެއް ތަންފީޒު ކުރާ ފަރާތެއް ރައީސްކަމަށް އިންތިޚާބު ކުރުމުގެ ވާހަކަ އެބީދައިން ޤާނޫނުގައި ނެތީ ސަބަބުތަކެއް އޮވެގެންކަމަށް ޤަބޫލު ކުރެވޭކަމަށް އެފަރާތުން ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން، މަޤާމުގައި ހުރި ފަރާތެއް ޙުކުމަކާއެކު ޝަރުތު ހަމަނުވުމާއި، އިންތިޚާބެއްގައި ވާދަކުރާއިރު ޙުކުމެއް އޮވެ، ޝަރުތު ހަމަނުވުންވެސް ތަފާތު ކަމަށް ބަންޑާރަނައިބުގެ އޮފީހުގެ ވަކީލުންވެސް ވަނީ ވިދާޅުވެފައެވެ.

އާދިއްތަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހީމްއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ޔާމީނުގެ ކެނޑިޑެސީގައި 2 ޝަރުތެއް ފުރިހަމަނުވާކަމަށް ޙުކުމް ކުރައްވާފައެވެ. އެއީ 11 އަހަރުގެ ޖަލު ޙުކުމެއް އޮތުމުގެ ސަބަބުންނާއި، ސާބިތު ދަރަންޏެއް އޮތުމުގެ ސަބަބުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް