ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 11:17
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ މައްސަަލަ
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެންޑިޑެސީ މައްސަަލަ
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ- ސާބިތު ދަރަނި
"ކޯޓުގެ ޙުކުމަކުން ދޭންޖެހޭ ފައިސާއެއްގެ ނަން ބަދަލުވުމަކުން، އެ ފައިސާގެ ޤާނޫނީ ނަތީޖާއަށް ބަދަލެއް ނާދޭ"
11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު
6 މަސްތެރޭ އެ ފައިސާ ނުދެއްކުމުން، 3 ޖުލައި 2023 ގައި އެ ފައިސާ ދެއްކުމަށް ޔާމީނަށް މީރާއިން އަންގާފައިވޭ
ޙުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ މަތީގައި އޮންނަ ސާބިތު ދަރަންޏެއް

ކޯޓުގެ ޙުކުމަކުން ދޭންޖެހޭ ފައިސާއެއްގެ ނަން ބަދަލުވުމަކުން، އެ ފައިސާގެ ޤާނޫނީ ނަތީޖާއަކަށް ބަދަލެއް ނާންނަކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމި ސަބަބުތަކުގެ ތެރޭގައި 11 އަހަރުގެ ޖަލު ޙުކުމާއި، އެ ޙުކުމާއެކު ދައްކަންޖެހޭ 5 މިލިއަން ޑޮލަރުގެ ސާބިތު ދަރަނި އޮތުން ހިމެނެއެވެ.

އާދިއްތަ ދުވަހު ކުރިއަށް ގެންދިޔަ މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ކޯޓުގެ ޙުކުމަކުން ދޭންޖެހޭ ފައިސާއެއްގެ ނަން ބަދަލުވުމަކުން، އެ ފައިސާގެ ޤާނޫނީ ނަތީޖާއަށް ބަދަލެއް ނާންނަކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ޙުކުމްތަކުގައި ބުނެފައިވާކަމަށެވެ.

އެގޮތުން އެ ފައިސާއަކީ ދަރިންގެ ޚަރަދުކަމަށްވިޔަސް، އަނބިމީހާއަށް ދައްކަންޖެހޭ ފައިސާކަމަށްވިޔަސް، މައިންބަފައިން ބެލުމުގެ ޚަރަދުކަމަށްވިޔަސް، ދޯންޏެއް މަރާމާތު ކުރުމުގެ ޚަރަދު ކަމަށްވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާކަމަށްވިޔަސް، މީހަކު އެހެންމީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަންޏެއްކަމަށް ސުޕްރީމް ކޯޓުން (މީގެ ކުރިން ނިންމި މައްސަލައެއްގައި) ބުނެފައިވޭ. ކޯޓުގެ ޙުކުމަކުން ލައްވާ ފައިސާގެ ނަން ތަފާތުވުމަކުން ކޯޓުގެ ޙުކުމަކުން ލައްވާ ފައިސާއެއްގެ ޤާނޫނީ ނަތީޖާއަކަށް ބަދަލެއް ނާދޭ
ފަނޑިޔާރު ހުސްނުއްސުއޫދު

5 މިލިއަން ޑޮލަރުގެ ފައިސާ 6 މަސްތެރޭ ދައްކަންޖެހޭއިރު، އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިނުވާތީ، އެއީ ސާބިތު ދަރަންޏެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ އޮތީ އިސްތިއުނާފު މަރުޙަލާގައެވެ.

ޙުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ މަތީގައި އޮންނަ ސާބިތު ދަރަންޏެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އަދި އިސްތިއުނާފު ކޮށްފައި އޮތުމަކީ ކޯޓުގެ ނިންމުމަކަށް ތަބާނުވާންޖެހޭ ސަބަބެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު ވިދާޅުވީ، ޙުކުމުގައިވާގޮތަށް 6 މަސްތެރޭ އެ ފައިސާ ނުދެއްކުމުން، 3 ޖުލައި 2023 ގައި އެ ފައިސާ ދެއްކުމަށް ޔާމީނަށް މީރާއިން އަންގާފައިވާކަން ލިޔެކިއުންތަކުން އެނގޭކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. އެ ލިއުމުގައި ޔާމީނު ސޮއި ކުރައްވައި އިނގިލީގެ ނިޝާންވެސް ޖަހާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް