ކ. މާލެ
|
6 އޯގަސްޓް 2023 | އާދީއްތަ 08:05
އަޔެކްސް އަށް ކުޅެމުން އަންނަ މެކްސިކޯގެ އެޑްސަން އަލްވަރޭޒް
އަޔެކްސް އަށް ކުޅެމުން އަންނަ މެކްސިކޯގެ އެޑްސަން އަލްވަރޭޒް
ޓްވީޓަރ
ވެސްޓް ހޭމް ޔުނައިޓެޑު
އެޑްސަން އަލްވަރޭޒް ހޯދުމަށް ވެސްޓް ހޭމުން ފުރަތަމަ ބިޑު ފޮނުވައިފި
އޭނާ ހޯދުމަށް ވެސްޓް ހޭމުން އަޔެކްސް އަށް ފޮނުވި ފުރަތަމަ ބިޑަކީ 30 މިލިއަން ޕައުންޑުގެ ބިޑެއް

އަޔެކްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ޑިފެންސިވް މިޑްފީލްޑަރު، އެޑްސަން އަލްވަރޭޒް ހޯދުމަށް އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑުން ފުރަތަމަ ބިޑު ފޮނުވައިފި އެވެ.

އަލްވަރޭޒް ހޯދުމަށް ވެސްޓް ހޭމުން ފުރަތަމަ ބިޑު ފޮނުވުމުގެ ކުރިން ވަނީ ކުޅުންތެރިޔާ އާއެކު މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތަކުގައި އަލްވަރޭޒް ވަނީ ވެސްޓް ހޭމަށް ބަދަލުވާން އެއްބަސްވެފައި ކަމަށް މީޑިއާތަކުން ބުނެ އެވެ. އޭނާ ހޯދުމަށް ވެސްޓް ހޭމުން އަޔެކްސް އަށް ފޮނުވި ފުރަތަމަ ބިޑަކީ 30 މިލިއަން ޕައުންޑުގެ ބިޑެކެވެ. އެހެންކަމުން ދެން ކުރިއަށް ދާނީ އަޔެކްސް އާއެކު އެންމެ ފަހުގެ މަޝްވަރާތައް ކުރުމެވެ. ވެސްޓް ހޭމުން ރަސްމީކޮށް ބިޑު ކޮށްފައިވާއިރު، އެ ކުލަބަށް ބަދަލުވާން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން ފުރިހަމަ ކުރުމަށް އަލްވަރޭޒް މިހާރު ހުރީ ތައްޔާރަށެވެ. އެހެންކަމުން، ވެސްޓް ހޭމުން ކުރި ބިޑު އަޔެކްސް އިން ޤަބޫލު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

އަލްވަރޭޒް އަޔެކްސްއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަމަވެސް ކުލަބުގައި އޭނާ ދައްކަމުން އައި ކުޅުމުގެ ސަބަބުން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފައެވެ. އެހެންކަމުން އަޔެކްސްއާއެކު އަލްވަރޭޒް މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ވަނީ މިހާތަނަށް އަޔެކްސްއަށް ކުޅެދިން 147 މެޗުގައި 13 ލަނޑު ޖަހާފައެވެ. މެކްސިކޯގެ ގައުމީ ޓީމުން އަލްވަރޭޒްއަށް ޖާގަ ލިބުނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ގައުމީ ޓީމަށް އޭނާ ވަނީ 68 މެޗު ކުޅެދީ، ތިން ލަނޑު ޖަހާފައެވެ. އެންމެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި އޭނާ ވަނީ މެކްސިކޯ ޓީމުގައި ކުޅެފައެވެ.

މީގެ ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ އަލްވަރޭޒް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް، ރަސްމީކޮށް ބިޑުކޮށްފައެވެ.

- ކޮމެންޓް