ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާ ހުރި އިތުބާރު ލިބިފައިވާ ބޭފުޅެއް ކަމަށް މާލޭ އޭރިޔާގެ ކޯޑިނޭޓަރ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސްޕޯކްޕާޝަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިހާރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މާރިޔާ ވަނީ އަސްލަމްއަށް މަރުހަބާ ދަންނަވާ ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
މާރިޔާ ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސެވި ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއަކީ ސިޔާސީ ދާއިރާގައި ތަޖުރިބާ ހުރި ވިސްނުންތޫނު، އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ވެސް ކުރަމުންގެންދަވަނީ ވެސް އަސްލަމްކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މަގާމުގެ ޒިންމާ ވަރަށް ރަނގަޅަށް އަދާކުރައްވާ ކަމަށެވެ. އަދި މިއީ އަސްލަމް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާތާ ހަތަރު ވަނަ ދައުރު ކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވަނީ މިހާރުގެ ނައިބުރައީސް ފައިސަލްގެ މަސައްކަތްްޕުޅު ވެސް ފާހަގަކުރައްވައި ތަރުއީފް ކުރައްވާފައެވެ.
މާރިޔާ ވިދާޅުވީ ނައިބުރައީސް ފައިސަލް އަކީ އިބްރާހިމް މުހައްމަދު ސާލިހަށާއި، ރައްޔިތުން ހިތްހެޔޮ، ތެދުވެރި އިހްލާސްތެރި ބޭފުޅެއް ކަމަށެވެ. ނައިބުރައީސް ފައިސަލް ގެންދަވަނީ އަމާނާތްތެރިކަމާ އެކު ނައިބު ރައީސް ކަން ކުރެއްވުމުގައި ނަމޫނާ ދައްކަވަމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ރަނިންމޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރު ފައިސަލް ހަމަޖައްސާފައި ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓެއްގައެވެ.
މިފަހަރު ރައީސްގެ ރަނިންމޭޓަކަށް އަސްލަމް ހަމަޖައްސަވާފައިވާއިރު، އެކަން ވަނީ ނައިބުރައީސް ފައިސަލްއަށް ވެސް އަންގަވާފައެވެ. އަސްލަމް ރަނިންމޭޓަކަށް ކަނޑައަޅުއްވާފައިވަނީ ކޯލިޝަންގެ އިސްވެރިންނާއި، އެމްޑީޕީގެ އިސް ބޭފުޅުންނާއި ރައީސް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.