ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 08:13
ބަޔާނަށް ކުޅެމުންއައި ސްވިޒަލެންޑުގެ ގޯލް ކީޕަރު، ޔެން ސޮމާ
ބަޔާނަށް ކުޅެމުންއައި ސްވިޒަލެންޑުގެ ގޯލް ކީޕަރު، ޔެން ސޮމާ
ޓްވީޓަރ
އިންޓަ މިލާން
ބަޔާންގެ ކީޕަރު ޔެން ސޮމާ، އިންޓަ މިލާނަށް!
އިންޓައިން ސޮމާ ހޯދީ އެ ކުލަބުގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ އެ ޓީމު ދޫކޮށް، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުން

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުންއައި ސްވިޒަލެންޑުގެ ގޯލް ކީޕަރު ޔެން ސޮމާ، އެކުލަބު ދޫކޮށް އިޓަލީގެ އިންޓަ މިލާނަށް ބަދަލުވާން ނިންމައިފިއެވެ.

ބަޔާނުން ސޮމާ ހޯދީ 2022 ވަނަ އަހަރުއެވެ. އެއީ އެ ޓީމުގެ އެއްނަންބަރު ގޯލް ކީޕަރު، މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުންނެވެ. އޭރު ބަޔާނުން ސޮމާ ހޯދީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮއްވައި، ސޮމާ މިހާރު ވަނީ އިންޓައަށް ބަދަލުވާން ނިންމާފައެވެ. ސޮމާ ހޯދުމަށް އިންޓައިން ބަޔާނަށް ޖުމުލަ ހަ މިލިއަން ޔޫރޯގެ އަދަދެއް ދައްކާނެ ކަމަށް މީޑިއާތަކުން ބުނެއެވެ. އިންޓައަށް ބަދަލުވުމުގެ ކުރިން ސޮމާ ފުރިހަމަކުރަން ޖެހޭ މެޑިކަލްގެ ކަންކަން ހޯމަ ދުވަހު ކުރިއަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. އިންޓައިން ސޮމާ ހޯދީ އެ ކުލަބުގެ އެއްވަނަ ކީޕަރު އަންދްރޭ އޮނާނާ އެ ޓީމު ދޫކޮށް، މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމުންނެވެ.

ސޮމާ ވަނީ ބަޔާނުގައި ހޭދަކުރި އެއް ސީޒަނުގައި އެ ކުލަބުގެ ގޯލް 25 މެޗެއްގައި ބަލަހައްޓާފައެވެ. ޖަރުމަނު ލީގުގައި ބަޔާނުން މިދިޔަ ސީޒަނުގައި ބޮރޫޝިއާ މުންޗެންގްލަޑްބެކާ ދެކޮޅަށް ކުޅުނު މެޗުގައި ސޮމާ ވަނީ ޖުމުލަ 19 ހަމަލާއެއް ހުއްޓުވާފައެވެ. މިއީ ޖަރުމަނު ލީގުގައި ރެކޯޑެކެވެ. އޭގެ ކުރިން އެ ރެކޯޑު އޮތީ 14 ހަމަލާއެއް ހުއްޓުވައިގެން، ހެމްބާގްގެ ކީޕަރު އަލެކްސަންޑާ ޝްވޯލޯ އަތުގައެވެ.

ސޮމާ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ސްވިޒަލެންޑުގެ ގައުމީ ޓީމަށް ވެސް ކުޅެމުންނެވެ. މިހާތަނަށް ގައުމީ ޓީމަށް އޭނާ ވަނީ 83 މެޗު ކުޅެދީފައެވެ. އެންމެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕުގައިވެސް އެ ޓީމުގެ ގޯލު ބެލެހެއްޓީ އޭނާއެވެ. އެ މުބާރާތުގައި ސްވިޒަލެންޑުން އެންމެ ފުރަތަމަ ކެމަރޫނާ ދެކޮޅަށް ކުޅެ، މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ސޮމާއެވެ.

- ކޮމެންޓް