ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 08:08
އެރިކް ކާޔެހާސް
ރެފުރީ
މިއީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ހަގު ރެފުރީތަ؟
 
އެރިކްގެ ހުނަވެރިކަން ފެނިގެންދަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި ކުޅޭ ކޮމިއުނިޓީ ލީގުގެ މެޗުތަކުން
 
ރެފުރީކަން ކުރުމުގެ މަސައްކަތް ފެށީ، އަންހެނުންގެ މެޗުތަކުން
 
މިހުރިހާ ކަމެއް ފެށުނީ، އޭނާގެ ބައްޕަގެ މަސައްކަތަށް އޮތް ޝައުގެއްގެ ބޮޑުކަމުން

ހިތް އެދޭ ކަމެއް ކުރާކަށް ވަކި އުމުރެއް ނޯވެއޭ ބުނާތީ އަޑު އިވެނީ އަލަކަށް ނޫނެވެ. އެފަދަ އެތައް މިސާލެއްވެސް ލޯ ކުރިމަތިން ފެނެއެވެ. ނަމަވެސް، މިއީ އެފަދަ ކަމަކާ ގުޅޭ އާދަޔާ ޚިލާފު މިސާލެކެވެ. ފަހަރުގައި، ދުނިޔޭގެ ރެކޯޑަކަށްވެސް ވުން އެކަށީގެންވެއެވެ. މިއީ ބޮލީވިއާއަށް އުފަން، އެރިކް ކާޔެހާސްގެ ވާހަކައެވެ.

ފުޓުބޯޅަ ކުޅޭ ދަނޑުމަތިން ފެންނަމުން ދިޔަ އެހެން މީހުންނާ އަޅާބަލާއިރު އެރިކްގެ އިސްކޮޅު އިންތިހާއަށް ކުރެވެ. އުމުރުގެ ގޮތުން ބެލިއަސް، އޭނާއަކީ ހަމަ އެންމެ 10 އަހަރުގެ ކުޑަ ކުއްޖެކެވެ. ނަމަވެސް، ފުޓުބޯޅައިގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ނިންމުންތައް ނިންމައި، ރެފުރީކަން ކުރަމުން އެ ދަނީ ޖެހިލުމެއް ނެތިއެވެ. އެރިކްއަކީ މި އުމުރުފުރާގެ މަދު ރެފުރީންގެ ތެރޭގައި ހިމެނޭ އެކަކެވެ.

ބޮލީވިއާގެ ވެރިކަންކުރާ ސިޓީގެ ރަށްބޭރުގައި އޮންނަ އެލް އަލްޓޯއޭ ކިޔާ ސަރަހައްދުގައި ކަށިގަނޑު ފުމެމުން، ދެން ހަދަންވީ ގޮތް ކިޔައިދީ އަމުރުތައް ކުރުމުގައި އެރިކް ދެމިހުރީ ސާބިތުކަމާއެކުގައެވެ. ދޭސީ ފެންވަރުގައި ކުޅޭ މެޗުތަކުގައި އޭނާ ރެފުރީކަން ކުރެއެވެ. ރެފުރީކަން ކުރާނެ ގޮތްތައް އެރިކްއަށް ދަސްކޮށްދެނީ އޭނާގެ ބައްޕަ، ރަމީރޯއެވެ. އެއީވެސް ރެފުރީއެކެވެ.

ރަސްމީ ފެންވަރެއްގައި އެރިކް ރެފުރީކަން ކުރި ފުރަތަމަ މެޗަކީ އަންހެނުންގެ ލީގުގެ މެޗެކެވެ. އެ މެޗުގެ ރެފުރީކަން ކުރުމަށް، އެރިކްގެ ނަން ދިނީވެސް ރަމީރޯއެވެ.

މިހުރިހާ ކަމެއް ފެށުނީ، އަހަރެންގެ ބައްޕަގެ މަސައްކަތަށް އޮތް ޝައުގެއްގެ ބޮޑުކަމުން. ބައްޕަ ކުރާ ކަމެއް ދަސްކުރާހިތްވިލެއް ބޮޑުކަމުން. ރެފުރީކަން ކުރުމުގެ މަސައްކަތް ފެށީ، އަންހެނުންގެ މެޗުތަކުން. މާބޮޑު އެއްޗެއް، މާ ގިނަ ގަވައިދުތަކެއް ނޭނގޭ. އެކަމަކު، އަހަރެންވެސް ފުޓުބޯޅަ ކުޅެއުޅޭތީ، ކޮންމެސް ވަރަކަށް އެކަންކަން އެނގޭ. އަހަރެންގެ ބައްޕައަކީވެސް ރެފުރީއެއް ވީމަ، ބައްޕަ ކިޔައިދޭ އަހަންނަށް، ގަވައިދުތަކާ ކަންކަން އޮންނަ ގޮތް.
އެރިކް ސަބޭޝަން ކާޔެހާސް؛ ބޮލީވިއާގެ ރެފުރީއެއް

ބޮލީވިއާގައި ފުޓުބޯޅަ ކުޅެމުން އަންނަ ބެއިމާ ޓަންކާރާ ފާހަގަކުރިގޮތުގައި، މިހާތަނަށް އެރިކްގެ ފަރާތުން ފެންނަމުން ދަނީ އެދެވޭ މަންޒަރެކެވެ. ރެފުރީކަން ކުރުމުގައި އެރިކް ގެންގުޅޭ ވައްޓަފާޅިއާއި އުސްލޫބަކީ، އޭނާއަށްވުރެ ދޮށީ މީހުންވެސް ޝޯޚުކުރުވާ ފަދަ މަންޒަރުތަކެއްކަން ޓަންކާރާ ފާހަގަކުރެއެވެ.

ތެދެއް، އެރިކްއަށް ބަލާލާފަވެސް އޭނާގެ ޝަޚްސު އެނގޭނެ. ކޮޅުކޮޅަށް ދުވެލާނެ. މީހުން ދެކެ ބިރުގަނެ، ޖެހިލުމެއް ނުވާނެ. މެޗު ބަލާ މީހުން ހަޅޭއްލެވިއަސް އޭނަ ފަހެއް ނުޖެހޭނެ. މިކަން ކުރާނެ ހައިބަތު އެބަހުރި އެރިކްގެ ކިބައިގަ. އެހެން ގޮތަކަށް ބުނަންޏާ، އެރިކްގެ ލޭގަ ވަނީވެސް ރެފުރީކަން ކުރުމޭ ބުނެވިދާނެ. ވަރަށް ހުނަރުވެރި ކުއްޖެއް އެރިކްއަކީ. އެރިކް ރެފުރީކަން ކުރާ ގޮތް އަހަންނަށް ވަރަށް ކަމުދޭ.
ބެއިމަރ ޓަންކާރާ؛ ފުޓުބޯޅަ ކުޅުންތެރިއެއް

މިއަދު، އެރިކްގެ ހުނަވެރިކަން ފެނިގެންދަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި ކުޅޭ ކޮމިއުނިޓީ ލީގުގެ މެޗުތަކުންނެވެ. ދަނޑަކީ ވެލިބިމުގެ ދަނޑެކެވެ. ދަނޑުމަތީގައި އެރިކް އުޅޭއިރު، އޭނާގެ ކަންކަން ބެލެހެއްޓުމުގައި މާ ދުރު ނޫން ހިސާބެއްގައި އޭނާގެ މަންމަ އިނދެއެވެ. ކޯޗުކަން ކޮށްދިނުމަށް، ބައްޕަވެސް ހުރެއެވެ.

ދޭސީ ފެންވަރުގައި މިއަދު ރެފުރީކަން ކުރިނަމަވެސް، އޭނާގެ އުއްމީދު އިތީ ސަރަހައްދީ އިމުން ބޭރަށެވެ. ބައިނަލްއަގުވާމީ ފެންވަރުގައި އޭނާގެ ހުނަރު ދައްކާލުމުގެ ފޮނި ހުވަފެންތައް، އޭނާ ދަނީ ދެކެމުންނެވެ.

އަހަރެންގެ ހުވަފެނަކީ ބޮލީވިއަން ޑަރބީގެ ރެފުރީކަން ކުރުން. ފީފާ ރެފުރީއަކަށް ވުން. އޭރުން ވޯލްޑްކަޕާ، އެމެރިކާ ކަޕާ، ލިބަރޭޓަރޒް ކަޕާ، އަދި ކޮބާ، ޗެމްޕިއަންސް ލީގުގެ މެޗުތަކުގަވެސް ރެފުރީކަން ކޮށްލެވޭނެ.
އެރިކް ސަބޭޝަން ކާޔެހާސް؛ ބޮލީވިއާގެ ރެފުރީއެއް

ރެކޯޑްތަކަށް ބަލާއިރު، ގައުމީ ފެންވަރުގެ 2 ޓީމެއް ބައްދަލުކުރި މެޗެއްގައި ރެފުރީކަން ކުރި އެންމެ ހަގު ރެފުރީއަކީ ޒެމްބިއާގެ އެމްބޮޓެލާއެވެ. އޭނާގެ އުމުރަކީ އޭރު 17 އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް