ކ. މާލެ
|
5 އޯގަސްޓް 2023 | ހޮނިހިރު 07:53
އަޔެކްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ އެޑްސަން އަލްވަރޭޒް
އަޔެކްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ އެޑްސަން އަލްވަރޭޒް
ޓްވީޓަރ
ވެސްޓް ހޭމް ޔުނައިޓެޑު
އަޔެކްސް ދޫކޮށް، ވެސްޓް ހޭމަށް ބަދަލުވާން އެޑްސަން އަލްވަރޭޒް އެއްބަސްވެއްޖެ
 
ވެސްޓް ހޭމަށް ބަދަލުވާން އަލްވަރޭޒް ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ، ޕްރިމިއާ ލީގުގައި ކުޅުމަށް އޭނާގެ ޝައުގުވެރިކަން އަބަދުވެސް ހުރުން

އަޔެކްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ޑިފެންސިވް މިޑްފީލްޑަރު، އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައި ވާކަމަށް މީޑިއާތަކުން ބުނެފިއެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ ހޯދުމުގެ ޝައުގުވެރިކަން ވެސްޓް ހޭމްއިން ފާޅުކޮށްފައިވަނީ ދާދި ފަހުންނެވެ. އެކަން އެ ކުލަބުން ވަނީ އަޔެކްސްއަށް ވެސް އަންގައި، އެ ކުލަބާއެކު މަޝްވަރާކޮށްފައެވެ. ވެސްޓް ހޭމްއިން މިހާރު ވަނީ އަލްވަރޭޒްއާއެކު އެއްބަސްވުމަކަށް އައިސްފައި ކަމަށާއި، އެ ކުލަަބަށް ބަދަލުވާން އޭނާ ބޭނުންވާ ކަމަށް މީޑިއާތަކުން ބުނެއެވެ. އެހެންކަމުން އެ ޑީލުގެ އެހެނިހެން ކަންކަމާމެދު އަޔެކްސްއާއެކު މަޝްވަރާ ކުރުމަކީ މިހާރު ވެސްޓް ހޭމްގެ އަތްމަތީގައި އޮތް ކަމެކެވެ. މީޑިއާތަކުން ބުނާގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސްޓް ހޭމުން އަޔެކްސްއާއެކު އެކަމުގެ މަޝްވަރާތައް ފަށާނެއެވެ. އަޔެކްސް ދޫކޮށް ވެސްޓް ހޭމަށް ބަދަލުވާން އަލްވަރޭޒް ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ، ޕްރިމިއާ ލީގުގައި ކުޅުމަށް އޭނާގެ ޝައުގުވެރިކަން އަބަދުވެސް ހުރުމެވެ.

އަލްވަރޭޒް އަޔެކްސްއަށް ބަދަލުވީ 2019 ވަނަ އަހަރުއެވެ. އެ ކުލަބާއެކު އޭނާ ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. ނަމަވެސް ކުލަބުގައި އޭނާ ދައްކަމުން އައި ކުޅުމުގެ ސަބަބުން، 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފައެވެ. އެހެންކަމުން އަޔެކްސްއާއެކު އަލްވަރޭޒް މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ވަނީ މިހާތަނަށް އަޔެކްސްއަށް ކުޅެދިން 147 މެޗުގައި 13 ލަނޑު ޖަހާފައެވެ. މެކްސިކޯގެ ގައުމީ ޓީމުން އަލްވަރޭޒްއަށް ޖާގަ ލިބުނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ގައުމީ ޓީމަށް އޭނާ ވަނީ 68 މެޗު ކުޅެދީ، ތިން ލަނޑު ޖަހާފައެވެ. އެންމެ ފަހުން މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައި އޭނާ ވަނީ މެކްސިކޯ ޓީމުގައި ކުޅެފައެވެ.

މީގެ ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ އަލްވަރޭޒް ހޯދުމުގެ ޝައުގުވެރިކަން ފާޅުކޮށް، ރަސްމީކޮށް ބިޑުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް