ޙުކުމެއް ތަންފީޒު ކުރާ ފަރާތެއް ރައީސްކަމަށް އިންތިޚާބުވާ ޙާލަތުގައި އަމަލު ކުރާނެ ގޮތުގެ ވާހަކަ ޤާނޫނުގައި ނެތީ ސަބަބުތަކެއް އޮވެގެންކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ކެންޑިޑެސީ މައްސަލައިގައި ތަދައްޚުލު ކުރުވާފައިވާ ބަންޑާރަނައިބު އޮފީސް (އޭޖީ) އޮފީހުގެ ވަކީލު ވިދާޅުވީ، މި މުޅި މައްސަލައިގެ މައިގަނޑު ޚުސޫމާތެއް އޮތީ ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) މާނަކުރުމާ ގުޅޭގޮތުން ކަމަށެވެ.
ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.
އޭޖީގެ ވަކީލު ވިދާޅުވީ، ކުށުގެ ޒިންމާ އުފުލުމުގެ ވާހަކަ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ މާއްދާގައި ވަނީ ރައީސްކަމުގައި ހުންނަވާ ފަރާތެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ޙާލަތުގައި އަމަލުކުރާނެ ގޮތުގެ ވާހަކަ ކަމަށެވެ.
ވީއިރު، ޙުކުމެއް ތަންފީޒު ކުރާ ފަރާތެއް ރައީސްކަމަށް އިންތިޚާބު ކުރުމުގެ ވާހަކަ އެބީދައިން ޤާނޫނުގައި ނެތީ ސަބަބުތަކެއް އޮވެގެންކަމަށް ޤަބޫލު ކުރެވޭކަމަށް އޭޖީގެ ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން، މަޤާމުގައި ހުރި ފަރާތެއް ޙުކުމަކާއެކު ޝަރުތު ހަމަނުވުމާއި، އިންތިޚާބެއްގައި ވާދަކުރާއިރު ޙުކުމެއް އޮވެ، ޝަރުތު ހަމަނުވުންވެސް ތަފާތު ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޔާމީނުގެ ފަރާތުން އެ ވިދާޅުވާ ގޮތަށް ޙުކުމް މާނަކުރާނަމަ، ރިވިއު ކުރުމުގެ ފުރުސަތު އޮތުމަކީވެސް ނިހާއީ ޙުކުމެއް ނެތުންކަމަށް ބެލެވިދާނެކަމަށް އޭޖީގެ ވަކީލު ވިދާޅުވިއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ޙުކުމްތަކަކީވެސް ރިވިއު ކުރެވޭ ޙުކުމްތަކެއްކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އޭޖީގެ ވަކީލު އިތުރަށް ވިދާޅުވީ، އަސާސީ ޙައްޤުތަކުގެ ގޮތުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ޙައްޤުތަކަކީ މުތުލަޤަށް ލިބިދީފައިވާ ޙައްޤުތަކެއް ނޫންކަމަށެވެ.
އޭގެ އިތުރުން، މިހާރު ޤާނޫނު އޮތްގޮތަށް ބަލާއިރު، ޙުކުމެއްގައި ހުރި ފަރާތަކަށް އިންތިޚާބުގައި ވާދަ ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭޖީގެ ވަކީލު ވިދާޅުވިއެވެ.
އޭޖީ އޮފީހުން ވަނީ އީސީން ނިންމާފައިވާ ނިންމުން ބަދަލުކުރަން ޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިގެންފައެވެ.