ހއ.ހޯރަފުށީ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ ފުރަތަމަ ފްލައިޓު ޖައްސަނީ 8:15 ގައެވެ.
މިކަމާއި ގުޅިގެން ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ޖަލްސާ އިންތިޒާމް ކުރަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އަދި ހޯރަފުށީ ކައުންސިލް ގުޅިގެންނެވެ. އަދި ވީހާ ވެސް ގިނަ ރައްޔިތުން އެެއަރޕޯޓު ސަރަހައްދަށް އައުމަށް ކައުންސިލުން ވަނީ އެދިފައެވެ.
މި ޖަލްސާގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު އަދި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވާހަކަފުޅު ދައްކަވާނެއެވެ.
މިޖަލްސާއަށްފަހު ހަވާ އެރުން ވެސް އޮންނާނެެއެވެ.
ރޭގަނޑު ދަތުރުތައް ފެށުމާއި ގުޅޭގޮތުން ކައުންސިލުން ބުނީ މިއީ ރަށަށް އަދި މި ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިހާރު ވެސް ކޮންމެ ދުވަހަކު ތިން ފްލައިޓް ޖައްސާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
މި އެއާޕޯޓާ އެކު މި ސަރަހައްދުގެ ޓޫރިޒަމް ކުރިއަރައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ފަހިވަމުންދާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި އުންސިލުން ބުނީ ތަރައްގީގެ މަޝްރޫއުތަކަށް ދޮރު ހުޅުވިގެންދާއިރު، ދަތުރުފަތުރަށް ވަރަށް ބޮޑުލުއި ފަސޭހަކަމެއް ލިބިފައިވާ ކަމަށެވެ.
ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ 19 ނޮވެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދުޞާލިހާއި، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.
އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާ ހުޅުވި މި އެއަރޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.
ހޯރަފުށީ ފަޅުން ބިން ހިއްކައިގެން އެމްޓީސީސީން ތަރައްގީކުރި އެއާޕޯޓަށް 198 މިލިއަން ރުފިޔާ، ސަރުކާރުން ހޭދަކުރި އެވެ.