ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން 29،951 ފޯމު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.
އޮންލައިންކޮށް ރީ-ރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތު ބުދަ ދުވަހުގެ ރޭ މެންދަމު 12:00 ޖެހުމާއި ހަމައަށް ހަމަވިއިރު 22،882 އޮންލައިން ފޯމު ލިބިފައިވެއެވެ. މީގެ ތެރެއިން އިލެކްޝަނުން ރަޖިސްޓްރީ ކޮށްދީފައިވަނީ 18088 ފޯމެވެ. އެކި ސަބަބުތަކާ ހުރެ 4794 ފޯމެއް ވަނީ ބަލައިނުގަތުމަށް ނިންމާފައެވެ.
ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަމުންދާ އަދަދުތައް އީސީން ހާމަކުރަމުން އަންނައިރު ބުދަ ދުވަހުގެ މެންދުރު 3 ޖެހުމާ ހަމައަށް ރީރަޖިސްޓްރީވުމަށް އޮންލައިންކޮށް އަދި ކަރުދާސް ފޯމު ހުށަަހަޅައިގެން ޖުމްލަ 29،951 ފޯމު ލިބިފައިވެއެވެ. މީގެތެރެއިން 24،370 މީހެއްގެ ފޯމު ރީރަޖިސްޓްރީ ކޮށްދީފައިވާއިރު 5544 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެއެވެ.
ރީރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 1318 ފޯމުގެ ތެރެއިން 1142 ފޯމު ރަޖިސްޓަރކޮށްދީފައިވެއެވެ. ބާކީ 176 ފޯމު ބަލައިގެންފައެއްނުވެއެވެ. ޖަލުތަކުގައި ތިބި 959 ގައިދީއަކު ވެސް ވަނީ ރީރަޖިސްޓްރީ ކޮށްފައެވެ.
ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ފޮށި ބެހެއްޓޭ ވަރަށް މިހާތަނަށް ރީ-ރަޖިސްޓްރީ ކޮށްފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި މެލޭޝިއާ އާއި އިނގިރޭސިވިލާތް އަދި ސްރީލަންކާގައި އެކަނި ކަމަށް އީސީން ބުނެއެވެ.
އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހަމަވެފައިވާއިރު ފޯމު ހުށަހަޅައިގެން ރީރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިމަހުގެ 5 ވަނަ ދުވަހާ ހަމައަށް އޮންނާނެއެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިފައިވާ ކަމަށް އީސީން ބުނެއެވެ. އަދި 600ށް ވުރެ ގިނަ ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ވަނީ ބުނެފައެވެ.