ރ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު، އާދަމް އާޒިމެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، ފާތުމަތު ޝާނާ ފާރޫގެވެ.
މި މަޝްރޫއުގެ ދަށުން 14,337 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 29,508 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 2,038 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 215.60 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއ،ި 172 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 1,495 ސްކޮޔަރ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 307 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
Advertisement
މި މަޝްރޫއަކީ 44.81 މިލިއަން ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
ވޭތުވެދިޔަ 42 އަހަރު ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާލާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ރ. މީދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުން އަހަރުތަކެއް ވަންދެން ތަހައްމަލުކުރަމުންދިޔަ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ނިމުމެއް އަންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި އައު ޓ-ީޖެޓީއަކާއި ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، ބަނދަރު ބޭނުންކުރުމުގައި ކުރިން ނުލިބޭ އެތަކެއް ލުއިފަސޭހަތަކެއް މީދޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.