ކްލަބް މޯލްޑިވްސް ކްލެސިކްގެ ދެވަނަ ބުރުގައި ހަތަރު ގްރޫޕަކުން ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ.
ބުދަ ދުވަހުގެރޭ މެޗުތަކަށްފަހު ގްރޫޕް ސީގެ އެއްވަނަ ހޯދީ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޓީމް ޑީޖޭއޭ) އެވެ. އެއީ ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ތިންވަނަ މެޗުގައި ބުދަ ދުވަހުގެރޭ އައިޖީއެމްއެޗް ކްލަބާ ވާދަކޮށް 4-2 ން މޮޅުވިއެވެ. މިގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރު ޔަޤީންކުރީ ޓީއާރުސީ ޓްރާސްޕޯރޓެވެ. އެއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ބުރު ޔަޤީން ކުރީ ފަހު މެޗުގައި 2-1 ން ތައުލީމީ ގުޅުން ބަލިކޮށްގެންނެވެ.
ގްރޫޕް ޑީގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކުރީ ކްލަބް 220 އެވެ. އެޓީމުން ވަނީ ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓް ހޯދާފައެވެ. ފަހު މެޗު ކާމިޔާބުކުރީ ޓީމް ބަދަހިއާ ވާދަކޮށް 4-3 ނެވެ. މިގްރޫޕްގެ ދެވަނަ ހޯދީ ހަ ޕޮއިންޓާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޓީމެވެ. ފަހު މެޗުގައި އެޓީމުން ވަނީ 4-0 ން މޫސުމާބެހޭ އިދާރާ ބަލިކޮށްފައެވެ.
ގްރޫޕް އޭގެ އޭގެ އެއްވަނަ ހޯދީ ހަތް ޕޮއިންޓާއެކު ޓީމް ޕެމާއެވެ. ދެވަނަ ހޯދީ ހަތަރު ޕޮއިންޓާއެކު އޭސީސީ ރެކްރިއޭޝަން ކްލަބެވެ. ގްރޫޕް ބީން އެއްވަނަ ހޯދީ ހަތް ޕޮއިންޓާއެކު އެޗްޕީއެސްއެންއެވެ. ދެވަނަ ހޯދީ ފަސް ޕޮއިންޓާއެކު ހުޅުމާލެ ހޮސްޕިޓަލެވެ.