އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ދެ ލަނޑާއެކު އިންޓަ މިއާމީން އޯލަންޑޯ ސިޓީ ބަލިކޮށްފި އެވެ.
އެމެރިކާ ލީގްސް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގައި މިއާމީން އޯލަންޑޯ ސިޓީގެ މައްޗަށް ކުރި ހޯދީ 3-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މިއާމީންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މެސީ އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި އޯލަންޑޯ ސިޓީން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސެސާ އަރައުހޯ އެވެ. ދެ ވަނަ ފަހަރަށް އިންޓަ މިއާމީން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ޖޯސެފް މާޓިނޭޒް އެވެ. މިއާމީގެ ތިން ވަނަ ލަނޑު ޖަހައި ލީޑު އިތުރަށް ފުޅާ ކޮށްދިނީ 71 ވަނަ މިނެޓުގައި މެސީ އެވެ.
މި މެޗުގައި ވަނީ ދާދި ފަހުން މިއާމީ އަށް ސޮއިކުރި ޖޯޑީ އަލްބާ ވެސް ކުޅެން އަރުވައިފަ އެވެ. މެޗުގައި އޭނާ ކުޅެން އެރުވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ދެ ވަނަ ހާފުގައި އަލްބާ ކުޅެން ނިކުތީ ފެލިޕޭ މާޓިންސްގެ ބަދަލުގަ އެވެ. މިއީ ބާސެލޯނާ އަށް ފަހު، މެސީ، އަލްބާ އަދި ސާޖިއޯ ބުސްކެޓްސް އެއް ޓީމަކަށް ކުޅުނު ފުރަތަމަ މެޗެވެ.
މިއީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށް މިއާމީ އަށް ބަދަލުވި ފަހުން މެސީ އެ ޓީމަށް ކުޅެދިން ތިން ވަނަ މެޗެވެ. ފުރަތަމަ މެޗުގައި އޭނާ ކުޅެން ނުކުމެފައި ވަނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އެ މެޗުގައި މެސީ ވަނީ ފަހު ވަގުތު ހިލޭ ޖެހުމެއްގައި ލަނޑު ޖަހައިފަ އެވެ. ދެ ވަނަ އަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.