ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.
އެމްއޭސީއެލުން ބުނީ 186 ފަސިންޖަރުންނާއެކު އަލުން ފެށި ދަތުރުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އަންގާރަ ދުވަހުގެ ހަވީރު 6:05 ގައި ކަމަށެވެ.
ޗައިނާގެ ޗެންގްޑޫއާއި ރާއްޖެއާ ގުޅުވައިދޭ ގޮތަށް ސިޗުއާން އިން ހަފްތާއަކު ތިން ފްލައިޓް ބާއްވާނެއެވެ. ސިޗުއާން އެއަރލައިންއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވަނީ ހަތް އަހަރަށްފަހުގައެވެ.
ޗައިނާގެ ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓަރ ފްލައިޓެއް ބާއްވާއިރު، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރެއެވެ.
ވީއައިއޭއަށް ސިޗުއާން އެއާލައިން އަލުން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ ކުރީކޮޅު ބޯޑަރު ހުޅުވާލިފަހުން ޗައިނާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މިއީ މިހާރު ރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓުކަން ފާހަގަކުރެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކާއި ރާއްޖެއާއި ގުޅުވާލުމަށް ގިނަ އެއަރލައިންތަކަކަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން މިއަހަރު ފިނިމޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، އައު މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް ބާއްވާނެއެވެ. އެގޮތުން އެމެރިކާގެ ވަރޖިން އެޓަލާންޓިކް އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއަރޕޯޓާއި ދެމެދު ދަތުރުތައް ފަށުމަށް ވަނީ ހަމަޖެހިފައެވެ.
މިހާރު ރާއްޖެއަށް ދުނިޔޭގެ ތިރީހަށް ވުރެ ގިނަ މަންޒިލުން ސާޅީހަށްވުރެ ގިނަ އެއަރލައިން ދަނީ އޮޕަރޭޓްކުރަމުންނެވެ.