ކ. މާލެ
|
2 އޯގަސްޓް 2023 | ބުދަ 07:51
ބްރެންޓްފޯޑުގެ ގޯލްކީޕަރު ޑޭވިޑް ރަޔާ
ބްރެންޓްފޯޑުގެ ގޯލްކީޕަރު ޑޭވިޑް ރަޔާ
ގޯލް.ކޮމް
އާސެނަލް
އާސެނަލަށް ބަދަލުވާން ރަޔާ ނިންމައިފި
އާސެނަލަށް ބަދަލުވާން ބޭނުންވާކަން ރަޔާ ވަނީ ބްރެންޓްފޯޑަށް އަންގާފައި ކަމަށް ރިޕޯޓުތައް ބުނޭ

ބްރެންޓްފޯޑަށް ކުޅެމުން އަންނަ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ރަޔާ އާސެނަލަށް ބަދަލުވާން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އާސެނަލްގެ ކުރިން އެންމެ ފުރަތަމަ ރަޔާ ހޯދުމަށް މަސައްކަތްކޮށްފައި ވަނީ ޖަރުމަނުގެ ބަޔާން މިއުނިކުންނެވެ. އެކުލަބުން ވަނީ ބްރެންޓްފޯޑުގެ އިތުރުން ރަޔާ އާއެކު ވެސް މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް ބަޔާނުން ބޭނުންވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ހޯދުމަށް ކަމަށްވާތީ، ކުލަބުން ވެސް އަދި ކުޅުންތެރިޔާ ވެސް ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް އާސެނަލް އިން ފެށީ އޭގެ ފަހުންނެވެ. އާސެނަލާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، ރަޔާ ވަނީ އެ ކުލަބަށް ބަދަލުވާން އެއްބަސްވެފަ އެވެ. އަދި އާސެނަލަށް ބަދަލުވާން ބޭނުންވާކަން ރަޔާ ވަނީ ބްރެންޓްފޯޑަށް އަންގާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދެ ކުލަބުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ދާނެ އެވެ. އެ މަޝްވަރާތަކުން ޑީލް ނިންމާނެ އަގެއް ވެސް ފައިނަލް ކުރާނެ އެވެ.

ބްރެންޓްފޯޑާއެކު ރަޔާ އެންމެ ފަހުން ސޮއިކޮށްފައިވާ އެއްބަަސްވުމުގައި ބާކީ އެއް އަހަރު އެބައޮތެވެ. ރަޔާ ބްރެންޓްފޯޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ 161 މެޗުގައި އެ ކުލަބުގެ ގޯލު ބަލަހައްޓައިފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމުން އޭނާ އަށް ޖަގާ ލިބުނީ 2022 ވަނަ އަހަރު އެވެ. ސްޕެއިނުން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުން އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

- ކޮމެންޓް