ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 21:24
އެލަން ސެއިންޓް މެކްސިމިން
އެލަން ސެއިންޓް މެކްސިމިން
ޓްވިޓަރ
އެލަން ސެއިންޓް މެކްސިމިން
ނިއުކާސަލް ދޫކޮށް، ސެއިންޓް މެކްސިމިން ސައޫދީގެ އަލްއަހްލީއަށް
އަލްއަހްލީއާއެކު އޭނާ ސޮއިކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި

ނިއުކާސަލް ޔުނައިޓެޑް ދޫކޮށް, އެލަން ސެއިންޓް މެކްސިމިން ސައޫދީ ޕްރޯ ލީގުގެ އަލްއަހްލީއާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާގެ ޓްރާންސްފަރ ފީ، އެއްވެސް ޓީމަކުން ހާމަކޮށްފައެއް ނުވެއެވެ. ފްރާންސްގެ ނީސްއިން ނިއުކާސަލްއަށް އޭނާ ސޮއިކުރީ 2019 ވަނަ އަހަރުއެވެ.

ޕްރިމިއަރ ލީގަށް ކުޅުނު ބައެއް އިތުރު ކުޅުންތެރިންވެސް އަލްއަހްލީގައި ސެއިންޓް މެކްސިމިންއާއެކު ކުޅޭނެއެވެ. އޭގެތެރޭގައި ޗެލްސީގެ ކުރީގެ ކީޕަރު އެޑުއާޑް މެންޑީއާއި، ލިވަޕޫލްއަށް ކުޅުނު ރޮބާޓޯ ފިރްމީނޯގެ އިތުރުން ދާދި ފަހުން އެ ޓީމުން ސޮއިކުރި، ސިޓީއަށް ކުޅުނު ރިޔާދު މާރޭޒް ފާހަގަކޮށްލެވެއެވެ.

ނިއުކާސަލްއިން ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމަށް އެމެރިކާއަށް ކުރިދަތުރުގައި ސެއިންޓް މެކްސިމިން ބައިވެރިކޮށްފައެއް ނުވެއެވެ. އެ ޓީމުގެ ކޯޗު އެޑީ ހޯވް ބުނީ، ޔުއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ ގަވައިދުގެ ދަށުން މި ހޫނުމޫސުމުގައި ކުޅުންތެރިޔަކު ދޫކޮށްލަން ޖެހޭކަމަށެވެ.

މި ހޫނުމޫސުމުގައި ސައޫދީގެ ކުލަބުތަކަށް ގިނަ ކުޅުންތެރިންތަކެއް ސޮއިކުރާއިރު، އެންމެ ފަހުން ގުޅުނު މަޝްހޫރު ކުޅުންތެރިޔަކީ ސެއިންޓް މެކްސިމިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް