ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 12:11
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
އިންޑިއާ ސިފައިން
އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށްގެން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި
މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރައްވަން ނެތްނަމަ، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުން
ޑިފެންސް މިނިސްޓްރީން ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކަށް ވާތީ ހާމަކުރެވެން ނެތްކަން އަންގާފައި
ޑިޕްލޮމެޓިކް ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާކަމަށްވެސް މިނިސްޓްރީން ބުނޭ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ހަރަދުގެ ތަފުސީލު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުނު މައްސަލައެކެވެ.

މި މައްސަލައިގައި ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދާފައިވާއިރު، ޑިފެންސް މިނިސްޓްރީން މައުލޫމާތު ހިފެހެއްޓީ ރަނގަޅަށްކަމަށް އައިކޮމްއިންވެސް ވަނީ ނިންމާފައެވެ.

ޑިފެންސް މިނިސްޓްރީން ވަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތަކަށް ވާތީ ހާމަކުރެވެން ނެތްކަން ލިއުމުންވެސް އަންގާފައެވެ. އެގޮތުން ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ މައުލޫމާތު ހާމަކޮށްފި ނަމަ އެއީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކޮށްފާނެ ކަމެއްކަމަށް ގަބޫލު ކުރެވޭކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އޭގެ އިތުރުން، ރާއްޖެއަކީ އެއްވެސް ގައުމަކާއި އަރާރުން ނުއުފެދޭ، ވަރަށް ޑިޕްލޮމެޓިކް ގައުމެއް ކަމަށާއި އެ ގުޅުމަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ކުރަން ބޭނުން ނުވާކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

Advertisement

ވުމާއެކު، ހައިކޯޓުގައި ކުރިއަށް މިދާ މައްސަލައަކީ އައިކޮމްގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެކެވެ. މައްސަލަ އިސްތިއުނާފު ކުރުމުން އެ މައްސަލައިގެ ތެރެއަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އޭޖީ އޮފީސް ވެސް ވަނީ ތަދައްހުލްވެފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛު ޙުސައިން ޝަހީދު, އަލްއުސްތާޛު ޙަސަން ޝަފީޢު, އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދުއެވެ.

މި މައްސަލައިގައި މީގެ ކުރިންވެސް ހައިކޯޓުގައި އަޑުއެހުންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ހޯމަ ދުވަހު ވަނީ މި މައްސަަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލާފައެވެ.  

ވުމާއެކު، މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި އިތުރު ކަމެއް ސާފު ކުރައްވަން ނެތްނަމަ، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ފަނޑިޔާރުން ވިދާޅުވީ، މާ ގިނަ ދުވަސްތަކެއް ނުވެ މި މައްސަލައިގެ ޙުކުމް ކުރެއްވުމުގެ އަޑުއެހުން ކުރިއަށް ގެންދަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް