ކ. މާލެ
|
31 ޖުލައި 2023 | ހޯމަ 08:44
ބްރެންޓްފޯޑުގެ ގޯލް ކީޕަރު ޑޭވިޑް ރަޔާ
ބްރެންޓްފޯޑުގެ ގޯލް ކީޕަރު ޑޭވިޑް ރަޔާ
ޓްވިޓަރ
ބަޔާން މިއުނިކް
ރަޔާ ހޯދުމަށް ބަޔާނުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ
ބަޔާނުން ހުށަހެޅީ ލޯނު އެއްބަސްވުމެއްގެ ދަށުން ރަޔާ ހޯދުމަށް، ކުޅުންތެރިޔާ އަދި ކުލަބުން ވެސް އެކަމާ ދެކޮޅު

ބްރެންޓްފޯޑުގެ ގޯލްކީޕަރު، ސްޕެއިންގެ ޑޭވިޑް ރަޔާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކުން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް ބަޔާނުން ވަނީ ބްރެންޓްފޯޑުގެ އިތުރުން ރަޔާއާއެކު މަޝްވަރާ ކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް މަޝްވަރާތަކުން އަލި މަގެއް ނުފެނި، މިހާރު ވަނީ އެކަން ހުއްޓިފަ އެވެ. އެއީ ބަޔާންގެ ހުށަހެޅުމަށް ރަޔާގެ އިތުރުން ބްރެންޓްފޯޑަށް ވެސް އެއްބަސްނުވެވޭތީ އެވެ. ބަޔާނުން ހުށަހެޅީ ލޯނު އެއްބަސްވުމެއްގެ ދަށުން ރަޔާ ހޯދުމަށެވެ. ބްރެންޓްފޯޑާއެކު އެންމެ ފުރަތަމަ ރަޔާ ސޮއި ކުރި ހަތަރު އަހަރުގެ އެއްބަސްވުން އޮތީ މިދިޔަ ޖޫން މަހަށް ހަމަވާ ގޮތަށެވެ. ނަމަވެސް އޭގެ ކުރިން ބްރެންޓްފޯޑުން ވަނީ އޭނާގެ އެއްބަސްވުން އައުކޮށްފަ އެވެ. އެ ކުލަބާއެކު ރަޔާ ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ރަޔާ ހޯދުމުގެ ޝައުޤުވެރިކަން އާސެނަލް އިން ގެންގުޅޭ ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި ކުޅުންތެރިޔާ މިވަގުތު ހުރީ އާސެނަލަށް ބަދަލުވާން ބޭނުންވެފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް މިހާތަނަށް ރަޔާ ހޯދުމަށް އާސެނަލް އިން އެއްވެސް ރަސްމީ ހުށަހެޅުމެއް ފޮނުވަައިފައެއް ނުވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުރިއަށްގެންދެވޭ މަޝްވަރާތަކަށްފަހު އޭނާ ހޯދުމަށް އާސެނަލުން ރަސްމީކޮށް ހުށަހަޅާނެ ކަމަށް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ރަޔާ ބްރެންޓްފޯޑަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ ވަނީ 161 މެޗުގައި އެ ކުލަބުގެ ގޯލު ބަލަހައްޓައިފަ އެވެ. ސްޕެއިންގެ ޤައުމީ ޓީމުން އޭނާ އަށް ޖަގާ ލިބުނީ 2022 ވަނަ އަހަރު އެވެ. ސްޕެއިނުން މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ސްކޮޑުން އޭނާ އަށް ވަނީ ފުރުސަތު ދީފަ އެވެ.

- ކޮމެންޓް